ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު މިޔުޒިކު ކުޅުން ހުއްޓާލީ އާދަޔާ ހިލާފު ހާދިސާއެއް ކުރިމަތިވެގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ތަފްސީލު އޭނާ ކިޔައިދީފި އެވެ.

އިއްޔެ ކުލަބްހައުސްގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި އަލީ ވަނީ 1999 އަހަރު ކުޑަ އީދުގައި ދީމާވި އާދަޔާ ހިލާފު ހާދިސާއެއްގެ ވާހަކަ ހިއްސާކޮށްފަ އެވެ.

މީގެ 22 އަހަރު ކުރިން ޅ. ހިންނަވަރުގައި ކުޑަ އީދާ ގުޅިގެން ބޭއްވި ޝޯއެއް ދިނުމަށް ތައްޔާރުވަމުން ދަނިކޮށް ހިނގައިދިޔަ އާދިޔާ ހިލާފު ބާރުގަދަ ގުގުރި ޖެހުމުގެ ހާދިސާގެ ތަފުސީލް ކިޔައިދެމުން އަލީ ބުނީ ހިންނަވަރަކީ އެ ޒަމާނުގައި މިޔުޒިކާއި ލަވަޔާއި ނެށުމަށް ވަރަށް ފޯރި އަރުވާ ރަށެއް ކަމަށާއި މިފަދަ ޝޯތަކާއި މިފަދަ އިވެންޓުތައް އެމީހުން ބާއްވާއިރުގައި އެއްގޮތަކަށް ވެސް ހަރަދަކަށް ނުބަލާނެ ކަމަށެވެ.

އަލީގެ މިޔުޒީކީ ހަޔާތުގައި އެންމެ ގިނަ ޝޯ ދީފައި ވަނީ ހިންނަވަރުގަ އެވެ. އެގޮތުން ހިންވަރުގައި ނުވަ ވަނަ ޝޯ ދިނުމަށް ހިންވަރަށް ދިޔައިރު ވެސް މޫސުން ގޯސް ކަމަށާއި އޭރު ވެސް ކުޑަކޮށް ވާރޭ ވެހޭ ކަމަށް އޭނާ ބުންޏެވެ.

ގުގުރި ޖެހި ހާދިސާ ކިޔާދެމުން ޢަލީ ރަމީޒު ބުނީ، އެރަށަށް ގޮސް ހަވީރު ސައުންޑް ޗެކް ކުރަން އުޅެނިކޮށް ވަރަށް ވަރުގަދަ ވައިރޯޅިއާއެކު އެތާގައި ދަމާފައިހުރި ސަތަރިތައް އެއްކޮށް އެއްލާލި ކަމަށެވެ. އެހެން ނަމަވެސް އެވަގުތު އެހާ ބޮޑު ކަމަކަން އެކަން އެއްވެސް މީހަކު ހަދާފައިނުވާ ކަމަށް އަލީ ރަމީޒް ފާހަގަ ކުރި އެވެ.

ޝޯ ބޭއްވުމަށްޓަކައި ސްޓޭޖު މަތި ތައްޔާރުކޮށް، ސައުންޑު ހެދުމަށް ފަހު އެނބުރި ގެއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

ޝޯ ދިނުމަށްޓަކައި އެރޭ އަލީ އާއި ފްރީޒް ބޭންޑުގެ އެހެން މެމްބަރުން ދިޔައިރު ޝޯ ދިނުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ވަރަށް ގިނަ މީހުން ތިބި ކަމަށާއި އެޝޯ ބެލުމަށް ހިންނަވަރާ ކައިރި ރަށްތަކުން ވެސް މީހުން އައިސްތިބި ކަމަށެވެ.

"އެހެންނަމަވެސް އެއިރުގައި ވެސް ތުނިތުނިކޮށް ވާރޭ ވެހިލަ ވެހިލާ އޮތީ. ދެން ސްޓޭޖަށް މި އަރަނީ ފަހަރަކު މީހަކު ފަހަރަކު މީހަކު. ޝޯގެ ހޯސްޓު އެ މީހެއްގެ ނަން ގޮވާލީމަ އެމީހަކު މި އަރަނީ. ދެން އަރާފައި އެ މީހެއްގެ އިންސްޓްރުމަންޓް ކުޅެން މި ފައްޓަނީ،" އަލީ ބުންޏެވެ.

އެންމެ ފަހު މީހަކަށް މަޑުކޮށްގެން ހުރެފަ އަލީ ސްޓޭޖަށް އެރި އިރު މުޅި ތަނަށް އޮތީ އާދަޔާ ހިލާފު ފޯރިއެއް ވެރިވެފަ އެވެ.

"ދެން ފަހަރަކު މީހަކު އަރަމުން އަރަމުން ގޮސް އަޅުގަނޑުގެ ނަން ގޮވާލީމަ ގޮސް ސްޓޭޖަށް އަރައިފިން. އަރަމުން ދިޔައިރު ބޭންޑުގެ ހުރިހާ އެންމެން ވެސް މިޔުޒިކް ފައްޓައިފި. އަޅުގަނޑު ހަމަ ލަވަ ކިޔަން ފައްޓަންވީ. އެގޮތަށް މި ހުރީ ސެޓުވެފަ ހަމަ. އޯޑިއަންސް އޮތީ ފޯރިގަދަވެގެން މުޅި ތަނުގައި އަޑު ހިއްޕާލާފައި އޮތީ،" އެ ވަގުތުކޮޅު އަލީ ސިފަކޮށްދިނެވެ.

ސްޓޭޖަށް އެރުމަށްފަހު ލަވަކިޔަން ފަހުގެ ނޭވާ ވެސް އަލީ ރަމީޒު ލި އެވެ. އެކަމަކު ސްޓޭޖުން ފައިބަން ޖެހުނީ އެ ރޭ ލަވަ ނުކިޔަ އެވެ.

"ކޮންމެއަކަސް އަޅުގަނޑު ކިޔަން އޮތް ލަވަ ކިޔަން ފަށަންވެގެން މައިކު ސްޓޭންޑުން ނަގާފަ ހަމަ ކިޔަން އެންމެ ފަހު ނޭވާ ލީ ތަނާ އެ ޖަހާލި ބާރު ގުގުރި އިނގޭތޯ،" އޭނާ ކިޔައިދިނެވެ. "ބާރެކޭ ބުނާކަށް ބާރު ގުގުރިއެއް. ދުވަހަކު ވެސް އެހާ ބާރު ގުގުރިއެއްގެ އަޑެއް ނާހަން."

ޢަލީ ރަމީޒު ބުނީ، މި ގުގުރީގެ ބާރުމިން ހުރި މިންވަރަކީ، އެތާ ޝޯ ބަލަން ގޮސް ތިބި އެންމެން ކަހަލަ ގޮތަކަށް ގުގުރިއާއިއެކު ބިންމައްޗަށް ހަމަ ތިރިވެގެން ދިޔަ ކަމަށެވެ. އަދި، ކުއްލިއަކަށް މީހުންތައް ރޯން ފެށި ކަމަށާއި އެކި މީހުން އެކި ކޮޅުކޮޅަށް ދުއްވައިގަންނަން އުޅޭ މަންޒަރު ވެސް ފެނުނުކަމަށް އޭނާ ބުންޏެވެ.

"އެވަގުތު ވެސް ހަދާނެ ނުހަދާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގުނު. ވަރަށް ގިނަ މީހުންނަށް ހަމަ ރޮނީ. ބޮޑެތި މީހުން ހަމަ ބިރުން ރޮނީ. ދެން އަޅުގަނޑުމެންނަށް ވެސް ހަދާނެ ގޮތެއް ނޭނގުނު. އަޅުގަނޑުމެން ވެސް ހަމަ ގަނޑުވެފައި ކަހަލަ ގޮތަކަށް ހުރީ. އެންމެން ތިބީ ހަމަ މާޔޫސްވެފައި." އަލީ ބުންޏެވެ.

https://www.youtube.com/watch?v=nGJhV0L7cwk

އަލީ ބުނީ އެތަނަށް ގުގުރިން ހޮނު ނޭޅިނަމަވެސް އެ ރަށުގެ އެހެން ތަނަކަށް ހޮނު އެޅިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެގުގުރީގެ ސަބަބުން އެރަށުގެ ގިނަ ރައްޔިތުންނަށް ގެއްލުންތަކެއް ލިބިގެންދިޔަ ކަމަށެވެ. އަދި ބޭންޑުގެ ބައެއް ސާމާނުތައް ވެސް ހަލާކުވެ، އެ ރޭގެ ޝޯ ކެންސަލް ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އޭގެ އަނެއް ރޭ އެ މީހުން އެ ރަށުގައި ޝޯ ދިން ކަމަށް އަލީ ފާހަގަ ކުރި އެވެ.

އަލީ ބުނި ގޮތުގައި އެރޭގެ ހާދިސާއިން އިބުރަތް ހާސިލު ކުރަން ބޭނުން މީހަކަށް ރަނގަޅު އިބްރަތެއް ހާސިލުވާނެ ކަމަށެވެ. އަދި އޭނާ މިޔުޒިކީ ދާއިރާ ދުރަށް ދިޔައީ އެހާދިސާއާ ގުޅިގެން ނޫން ކަމަށް ވެސް އަލީ ފާހަގަ ކުރި އެވެ.