ސަރުކާރުން ހަވާލުކުރާ ކޮންމެ މަސައްކަތެއް ވެސް ސިޓީ ކައުންސިލުން ކުރާނެ ކަމަށާއި އެހެން ނަމަވެސް މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރީ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެއްވުމަށްފަހު ނޫން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ހަވާލުކުރާ ކޮންމެ މަސައްކަތެއް ސިޓީ ކައުންސިލުން ކުރުމަށް މާލެ ސިޓީގެ ހުރިހާ ކައުންސިލުންގެ އިއްތިފާގުން ނިންމާފައިވާނެ ކަމަށެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުން އައިކަމެއް ކައުންސިލުގެ ދަށަށް ބަދަލުކުރީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެކަމުގެ އެއްވެސް މައުލޫމާތެއް ސިޓީ ކައުންސިލާ ހިއްސާ ކުރުމަށް ފަހު ނޫން ކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މޭޔަރު މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާ އެންމެ ފަހު ސިޓީ ކައުންސިލުން ސިޓީއެއް ފޮނުއްވާފައި ވަނީ ގަރާޖުގެ ހުއްދަ ދޫކުރުމަށް ދެ މުއައްސަސާއަށް ދިޔުމުގެ ބަދަލުގައި އެއް މުއައްސަސާއަކުން އެކަން ކުރާގޮތަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އެހެން ނަމަވެސް އެސިޓީއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މިނިސްޓްރީއިން އެކަންތައް ކައުންސިލުގެ ދަށަށް ބަދަލުކުރިއަށް އަންގާ އިއުލާނެއް ނެރުނީ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ކަންކަން ބަދަލު ކުރާއިރު މަޝްވަރާ ކުރަންޖެހޭ. މަސައްކަތެއް ބަދަލުކުރުމުގައި ގިނަ ކަންތައްތަކެއް ކުރަންޖެހޭ. ބަޖެޓް ބަދަލުކުރެވި، މުވައްޒަފުން ބަދަލު ކުރެއްވި،ރިސޯސަސް ބަދަލުކުރެވެން ޖެހޭ. އެހެން ނަމަވެސް އެކަމެއް ވެސް ނުހިނގާ. މިކަން ކައުންސިލުން ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ. އަދި ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން ތައްޔާރަށް އޮތް ނަމަވެސް، ރިސޯސް ނެތި މަސައްކަތް ފަށައިގަތުމުގައި ދަތިތަކެއް ހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މި މަސައްކަތާ ގުޅިގެން މިނިސްޓްރީއާ ބައްދަލު ކުރެވޭތޯ މަސައްކަތްކުރި ކަމަށާއި، އެކަން ކާމިޔާބުކުރެވިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކައުންސިލާ މަޝްވަރާކޮށް، ރިސޯސް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އެދި އަލުން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަތަރު ފުރޮޅުލީ އުޅަނދު މާލޭގައި ރަޖިސްޓްރީ ކޮށްދެނީ އެ އުޅަނދެއް ޕާކްކުރާނެ ގަރާޖެއް ދެއްކުމުންނެވެ. އެފަދަ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. އަންނަ މަހުން ފެށިގެން މި މަސައްކަތް ސިޓީ ކައުންސިލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ.