ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކެމްޕޭނެއް ފަށާފައި ވަނިކޮށް ނޮވެމްބަރު ތިނެއްގައި ރާއްޖެ ސަލާމަތްވީ އިންޑިއާގެ އެހީތެރިކަން ލިބިގެން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޓުވީޓު ކުރައްވައިފި އެވެ.
މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާއަކީ ރާއްޖޭގެ ސިޔާދަތު ހިމާޔަތްކުރުމަށް ނޮވެމްބަރު3، 1988ގެ ހަމަލާއާ ގުޅިގެން އެހީތެރިވެދިން ބޮޑު މުހިއްމު ވަރުގަދަ ބައިވެރިއެއް ކަމަށެވެ. އަދި މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގަައި ވެސް އެންމެ އަވަހަށް އެހީތެރިވެދިން ގައުމަކީ އިންޑިޔާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސީގެ ފެން ޕްލާންޓްތަކުގެ ރޯވެ ހަލާކުވުމުން އިންޑިއާއިން މާލެއަށް ބޭނުންވާ ފެނާއި އެހެނިހެން ސާމާނު ސަޕްލައިކޮށްދީފައިވެ އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމުގެ ހަގީގަތްތަކާމެދު ފިކުރީ ގޮތުން އެހާ ބޮޑަށް އޮޅުވައިނުލެވޭނެ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތަކުން ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާވާ ކަމަށާއި އެގޮތުން އިޖުތިމާއީ، އިގްތިސާދީ ބޮޑު މަންފާތަކެއް ލިބެމުން އަންނަ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިޔާއިން ވަރަށް ދީލަތި އެހީތައް ލިބެމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ.
މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓުތަކަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ތައުރީފްކޮށްފަ އެވެ.
އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މާރިޔާ ފާޅުކުރެއްވި އިޚުލާސްތެރި ޝުއޫރުތަކަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. އަދި އިންޑިއާ އަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް ރާއްޖެއާއެކު ދެމި އޮންނާނެ ގައުމެއް ކަމަށް ވެސް ހައިކޮމިޝަނުން ބުނެފައިވެ އެވެ.