ކޮވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުހުން ބުރާސްފަތި ދުވަހު ފަށަން ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށެވެ.
ރައީސާއި ނައިބު ރައީސާއި އެހެންނިހެން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ތިން މަހަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ހަލީމް ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށާއި ގާނޫނެއްގައި މުސާރަ އާއި އިނާޔަތްތައް ބަޔާން ކޮށްފައިވަނީ ވެސް އެ ދެ މަގާމުގައިި އެކަނި ކަމަށެވެ.
އެ ގާނޫނު އިސްލާހު ކުރުމެއްނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރި ކުރުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އެ މައްސަލާގައިވެ އެވެ. ހަލީމް އެދިފައި ވަނީ މަޖިލީހުގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅައި ހުކުމް ކޮށްދިނުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާ އެވެ. އަދި ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000 ރުފިޔާ އެވެ. މަޖިލީހުން ނިންމާފައިވަނީ ޖޫން މަހުން ފެށިގެން ތިން މަހު ރައީސްގެ މުސާރަ 65،000 ރުފިޔާއަށް އަދި ނައިބު ރައީސްގެ މުސާރަ 48،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ.