ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސުން އިންތިހާބު ކުރުމަށް ހާމަ ވޯޓެއް ނެގުމަށް އެ ޕާޓީން ނިންމާފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސުން ހޮވަންޖެހެނީ ސިއްރު ވޯޓަކުންކަން ހާމަވެއްޖެ އެވެ.
ޕީއެންސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން އަމަލު ކުރަމުންދަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވާއިދަށް ކަމަށާއި، އެ ގަވާއިދުގައި ބުނާ ގޮތުން ނައިބު ރައީސުން ހޮވަން ނަގަންޖެހެނީ ހާމަ ވޯޓެއް ކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ ހ. ގައި ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސް ކުރުމަށް ވޯޓު ދޭނީ އަތް އުފުލައިގެން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެ މާއްދާގެ ށ. ގައި ޕާޓީގެ މަތީ މަޖިލީހުގައި، ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށް ބުނެފައިވާ ކަމަށް ޕީއެންސީގެ ބަޔާނުގައިވެ އެވެ. ޕީއެންސީގެ ވެބްސައިޓުން ފެންނަން އޮތް އަސާސީ ގަވާއިދުގައި ވެސް މި ފަދައިން ލިޔެފައިވެ އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ، އެ ކޮމިޝަނުން އެންޑޯޒް ކޮށްފައިވާ ޕީއެންސީގެ ރަސްމީ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެގޮތުން އީސީގެ ވެބްސައިޓުގައިވާ ގަވާއިދުގެ 69 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ، ޕާޓީގެ މަތީ މަޖިލީހުގައި މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ނެގޭނީ ސިއްރު ވޯޓެއް ކަމަށެވެ. މީގެ އިތުރުން ޕީއެންސީގެ ވެބްސައިޓުގައިވާ އަސާސީ ގަވާއިދަކީ 15 މެއި 2025 ގައި ޕާޓީގެ މަޝްވަރާ މަޖިލީހުން އިސްލާހުކޮށްފައިވާ ގަވާއިދެއް ކަމަށް ބުނެފައިވީ ނަމަވެސް، ޖެނުއަރީ 2026 އާ ހަމައަށް ވެސް އެ ބުނާ އިސްލާހު ކުރި ގަވާއިދު ވެބްސައިޓަށް ލާފައި ނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި 15 މެއި 2025 ގައި ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް ބާއްވައި ނައިބު ރައީސުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރި ނަމަވެސް، އެ ދުވަހު އަސާސީ ގަވާއިދު އިސްލާހު ކުރިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި ޕީއެންސީގެ ތެރޭގައި ވެސް ހިޔާލުތަފާތުވުންތަކެއް ހުރި އިރު، ސިއްރު ނޫން ވޯޓެއް ނަގަން އެ ޕާޓީގެ އިންތިހާބު ވިލަރެސް ކުރާ ކޮމިޓީން ނިންމާފައި ނުވާނެ ކަމަށް ބަޔާނުގައި ބުނެފައި ވިޔަސް، އެ ޕާޓީގެ ސީނިއާ ދެ އޮފިޝަލަކު ވަނީ އެފަދަ ނިންމުމެއް ކޮމިޓީން ނިންމިކަން ކަށަވަރުކޮށްދީފަ އެވެ. ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކެވި ސީނިއާ އޮފިޝަލަކު ވިދާޅުވީ، އަސާސީ ގަވާއިދުގައި އެހާ ސާފުކޮށް ހާމަ ވޯޓެއްގެ ވާހަކަ އޮތް ނަމަ، އެފަދަ ނިންމުމެއް ކޮމިޓީން ނިންމަން ނުޖެހޭނެ ކަމަށާއި، ނަމަވެސް ކޮމިޓީން އެގޮތަށް ނިންމާފައިވާ ކަމަށެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ ދަށުން އެ ޕާޓީއަށް ޖުމްލަ ހަ ނައިބު ރައީސުން އިންތިހާބު ކުރަންޖެހޭ އިރު، މިހާތަނަށް އެ މަގާމުތަކަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައި ވަނީ ހަތް ބޭފުޅެކެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ސުޖާއު، މެންބަރު ފާތިމަތު ސައުދާ، މެންބަރު އަސްމާ ރަޝީދު، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް، އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ސްޕޯޓްސް މިނިސްޓަރު އަބްދުއްލާ ރާފިއު އެވެ.
ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބަލާއިރު، ޕީއެންސީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ އެ ޕާޓީގެ ވެރިކަމެއްގައި ޕާޓީގެ އެންމެ އިސް ލީޑަރަކީ އަދި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތައް އެކުލަވާލުމާއި ޕާޓީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ވެސް ޕާޓީގެ ރައީސް އެވެ. އިންތިހާބުގެ ވޯޓުލުމުގެ ނިޒާމާ މެދު އުފެދިފައިވާ މި ހިޔާލުތަފާތުވުމަށް އަދިވެސް ރަސްމީ އިދާރީ ހައްލެއް ލިބިފައެއް ނުވެ އެވެ.
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް އީރާނުން ބުނެފި
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
