މާފަންނު މަދަރުސާގައި ކޮވިޑް ޓެސްޓްކުރަން ހުރި އަންހެނެއްގެ ގައިގަ މިރޭ ޖެހިކަމަށް ބުނެ، ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަންގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ޓެސްޓްކުރަން އުޅުމުގެ ތެރޭގައި ތަދުވިކަމަށް ބުނެ އިކުރާމް ޖެހީ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

މެމްބަރު އިކުރާމް "ހުރިހާ"އަށް ވިދާޅުވީ ކޮވިޑް ޓެސްޓްކުރަން ހުރި ކުއްޖާ ނޭފަތުގެ ތެރެއަށް ކަފަބުރު ކޮށްޕުމުން ހީވީ ސިކުނޑީގައި ޖެހުނުހެން ކަމަށެވެ. އަދި ތަދުވިލެއް ބޮޑުކަމުން އަތުގައި ހިފައި ދުރައްލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ޕޮލިހަށް ހުށަހަޅައިގެން ބަލަންވީ. އަޅުގަނޑު އެއްގޮތަކަށް ވެސް ޖަހާފައެއް ނުވާނެ. އެއީ ކަނޑައެޅިގެން ދޮގެއް،" އިކުރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އޭނާ ކޮވިޑަށް ޓެސްޓް ހެއްދެވި ކަމަށެވެ. ނަމަވެސް އޭރު އެއްވެސް ވަރެއްގެ ތަދެއް އިހުސާސް ނުވާ ކަމަށް ވެސް އިކުރާމް ވިދާޅުވި އެވެ.

"އެއަށްވުރެ އޯގާތެރިކޮށް ވެސް އެކަންކުރެވޭނެ. ނޭފަތުގެ ތެރެއަށް ކަފަބުރު ކޮއްޕާ ތަޅުވައިގަތީމަ އަތުގައި ހިފައި ދުރަށްލީ،" އޭނާ ވިދާޅުވި އެވެ.

https://www.facebook.com/eykram.hassan/posts/10157912762412153

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އިކުރާމްގެ ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ އޭނާގެ ނޭފަތުގެ ތެރެއަށް ސާމްޕަލް ނަގާ ކަފަރުބުރު ލައްވާފައިވާ ތަޅުވައިގަތަމުން ވަރަށް ކޯފަވެގެން "މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބައިގެން ނުވާނެ ވިދާޅުވި ކަމަށެވެ. އަދި އޭނާއަށް ކިޔަނީ ކޮން ނަމެއްތޯ ވެސް އެއްސެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަމެއް ނުބުނި. މިއަށްވުރެ ބޮޑު ކަމެއް ނުހިނގާ. އެތާގައި ކެމެރާހުރި ނަމަ އެ ކެމެރާއިން ބައްލަވާ ކަން ހިނގައި ދިޔައީ މިގޮތަށް ނޫންތޯ،" އިކުރާމް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ވެސް މާރާމާރީގެ ރިކޯޑެއް ނޯންނާނެ ކަމަށެވެ.