ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ސްރީ ލަންކާގެ ބޯޓުގައި ތިބި މަސްވެރިން އެނބުރި ގައުމަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފި އެވެ.
ލަންކާގެ ޑެއިލީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަންކުރަން އުޅެނިކޮށް ރާއްޖޭގެ ކޯސްޓްގާޑުން ހައްޔަރުކުރި ހަ މަސްވެރިން އެނބުރި ލަންކާއަށް އިއްޔެ ގޮސްފައިވާ ކަމަށެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި އެ މީހުން އެނބުރި ލަންކާއަށް ދިޔައީ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގެ ކޯޓުން ދޫކޮށްލުމަށް ނިންމުމާ ގުޅިގެންނެވެ. އަދި ކޯޓުން އެމީހުން ދޫކޮށްލީ ލަންކާ ރުޕީސްގެ 5.5 މިލިއަން ރުޕީސް ޖޫރިމަނާއެއް ގޮތުގައި ދެކުމުން ކަަމަށް ވެސް ޑެއިލީ ނިއުސްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އީއީޒެޑް ނުވަތަ ޚާއްސަ އިގްތިސާދީ ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށް، މ. އަތޮޅާއި ވ. އަތޮޅާ ދިމާ އިރުން ޚާއްސަ އިގްތިސާދީ ސަރަޙައްދުގެ 30 ނޯޓިކަލް މޭލު އެތެރެއިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ބޯޓުތަކުގެ މައްސަލަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަގުގީގު ކުރަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ވަކި އެއްޗެއް ފަހަކުން ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން ސަރުކާރުން ވަކި ޑީލެއް ހަދައިގެން ރާއްޖޭގެ ސަރަހައްދު ހައްޔަރު ކުރި މަސްވެރިން ދޫކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު މެމްބަރުން މަޖިލީހަށް މައްސަލައެއް ހުށަހެޅި އެވެ.