ހޮސްޕިޓަލްތަކަށް ނަޒަރު ހިންގާލާއިރު އަންހެނުންނަށް ވުރެ ފިރިހެނުން މަދުކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. އެނދުމަތި ކުރާ ފިރިހެނުންގެ އަދަދު އަންހެނުންނަށް ވުރެ ނިސްބަތުން މަދު އިރު، ޖެނެރަލް އޯޕީޑީއަށް ޑޮކްޓަރަށް ދައްކަން ދާ ފިރިހެނުންގެ އަދަދު ވަކިން ދަށެވެ.
ބައްޔެއް ބޮޑުވުމުގެ ކުރިން ހަދާ ރޫޓިން ޓެސްޓުތަކާއި އެެެގްޒެމިނޭޝަންތައް ހެދުމަށް ފިރިހެނުން ޑޮކްޓަރަށް ދައްކާ މިންވަރު ދަށްވުމަކީ ސިއްހީ ދާއިރާގެ ހަގީގަތަކެވެ. އުފެދޭ ސުވާލަކީ ކަން މިހެން ވަނީ ކީއްވެތޯ އެވެ؟ ފިރިހެނުން އެމީހުންގެ ސިއްހަތާމެދު އިހުމާލު ވަނީ ކީއްވެތޯ އެވެ؟
ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ގިނަ ފިރިހެނުން ޑޮކްޓަރަށް ގޮސް އެ މީހުންގެ ހުންނަ ބަލި ކަންތައްތައް ޑޮކްޓަރުންނަށް ކިޔައިދިނުމަކީ އެ މީހުންގެ ފިރިހެންވަންތަކަން ކުޑަކޮށްދޭ ކަމެއްގެ ގޮތުގައި ދެކެ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި ވޭނެއް އެޅިޔަސް ނުވަތަ އުނދަގުލެއް ވިޔަސް އެކަމެއް ހިއްސާ ނުކޮށް ގިނަ ފިރިހެނުން ތިބުމެވެ.
ޑޮކްޓަރަށް ދިޔަ ކަމުގައި ވިޔަސް ވާ އުނދަގޫތައް ތެދުތެދަށް ކިޔައިދެނީ މަދު ފިރިހެނެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ޑޮކްޓަރަށް ދެއްކުމުގެ ނަމުގައި ހޮސްޕިޓަލަށް ދިޔަ ނަމަވެސް އެކަން ގިނަ ފިރިހެނުން ކުރަނީ އާއިލާގެ މީހަކު މަޖުބޫރު ކޮށްގެންނެވެ. އަމިއްލައަށް ފަރުވާ ހޯދަން ބޭނުން ވެގެންނެއް ނޫނެވެ.
ނަތީޖާއަކަށް ވަނީ ނޭނގި ތިއްބާ ބަލި ބޮޑުވުމެވެ. ކަމެއް ގޯސްކަން އެނގޭއިރު މާ ލަސްވުމެވެ. ފިރިހެނުންގެ ފިރިހެންވަންތަ ކަމުގައި އަމިއްލަ ސިއްހަތު ނަގާލެވުމެވެ. ދުނިޔޭގެ ނިސްބަތުން އަންހެނުންނަށްވުރެ ފިރިހެނުންގެ އުމުރުކުރުވުގެ އެއް ސަބަބު ކަމުގައި ފިރިހެނުން އެކަށީގެންވާ ސިއްހީ ފަރުވާ ނުހޯދުން ހިމެނެ އެވެ.
މި ކުޑަ ރާއްޖޭގައި ވެސް މިއީ ފާހަގަ ކުރެވޭ ކަމެކެވެ. ފިރިހެނުން ޑޮކްޓަރަށް ނުދެއްކުމުގެ ސަގާފަތެއް އަހަރުމެންގެ ތެރޭގައި ވެސް އޮވެ އެވެ. ނަމަވެސް މިއީ ދޫކޮށްލަންވެފައި އޮތް ގޯސް އާދަ އެކެވެ.
ފިރިހެެނުން ވެސް ގަވާއިދުން ޑޮކްޓަރަށް ދައްކާ ރޫޓިން ޓެސްޓުތައް ހެދުމަކީ ފިރިހެންވަންތަކަން ކުޑަ ވާނެ ކަމެއް ނޫންކަން މިއަދު ގަބޫލު ކުރަން ޖެހެ އެވެ.