ހޮރްމުޒް ކަނޑުއޮޅީގެ ހުރިހާ ސަރަހައްދަކުން މައިންތައް (ކަނޑުއަޑީގެ ބޮންތައް) ސާފުކޮށްފައިވާ ކަމަށާއި، ވިޔަފާރި އުޅަނދުފަހަރަށް އެ މުހިންމު މަގު މިހާރު ހުޅުވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ އެ ކަނޑުއޮޅީގެ ކޮންޓްރޯލް ސައްތަ އިން ސައްތަ މިހާރު އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށެވެ.

"މިކަން ކުޑަކޮށް އުނދަގޫވަނީ ބައެއް ފަހަރު އީރާނުން ކަނޑަށް މައިން އުކާތީ. ނަމަވެސް އަހަރެމެން އެ އެއްޗެހި ހޯދައި، މުޅި ކަނޑުއޮޅިން މިހާރު ވަނީ މައިންތައް ސާފުކޮށްފައި،" ޓްރަމްޕް ވިދާޅުވި އެވެ.

ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމާ ބެހޭގޮތުން ހަނގުރާމަވެރި ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ކަނޑުއޮޅި ހުޅުވާލުން އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންގެ ފަރާތުން ލިބޭ ލުއިތަކަކާ ގުޅުވާފަ އެވެ.

މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް އީރާނުން ރާވަމުންދާ ކަމަށް ތެހެރާނުގައި ހުންނަ އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ހަފުތާ ބަންދުގައި ވިދާޅުވި ގޮތުގައި، ހަނގުރާމަ ފެށުނުއިރު އީރާނުން ވަނީ އެ ކަނޑުއޮޅީގައި ގިނަ އަދަދެއްގެ މައިން ވަޅުލާފަ އެވެ. ވޮޝިންޓަނުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، މައިންތައް ސާފުކުރުމުގެ އިތުރުން ވިޔަފާރި އުޅަނދުފަހަރަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން އީރާނުގެ ފަރާތުން ހޯދުމަށް ކަމަށްވެސް ވެންސް ވިދާޅުވި އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭންފެށި ހަމަލާތަކާއެކު ހަނގުރާމަ ފެށުމުގެ ކުރިން، އެ ކަނޑުއޮޅީގެ ދަތުރުފަތުރުތައް އޮތީ އެއްވެސް ހުރަހެއް ނެތި އާންމު ހާލަތެއްގަ އެވެ. ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި މަގުންނެވެ. މީގެ އިތުރުން، މިއީ ގުދުރަތީ ގޭހާއި ގަސްކާނާ ފަދަ ތަކެތި އުފުލުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަގުވެސް މެއެވެ.

ވެންސް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމާޒަކީ ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެލާއި ގޭސް އުފުލާ މިންވަރު ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް އަލުން އިއާދަކުރުމެވެ.