ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ކޮންކްރީޓް މައްސަލަ ހުރި ކަމަށް ބުނެ ފަތުރާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ ރަނގަޅު ވީޑިއޯއެއް ނޫން ކަމަށެވެ. އަދި އެއީ އެއީ ހިޔާ ފްލެޓް ޓަވަރެއްގެ ގްރައުންޑް ފުލޯގައި ރޭންޕެއް ހެދުމަށްޓަކައި ބޭރަށްވާ ގޮތަށް ހުރި ކޮންކްރީޓް ޝީޓު ކޮޅެއް ކަނޑާލާފައިވާ ހިސާބުގައި ހުރި ތަންކޮޅެއް ކަމަށާއި، އެ ވީޑިއޯއިން ފެންނަނީ އެތަންކޮޅު ޒޫމްކޮށްގެން ނަގާފައިވާ ވީޑިއޯކޮޅެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހިޔާ ޓަވަރުތައް ކޮންކްރީޓްކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ކޮންކްރީޓް ފިލްނުކޮށް ހުރިތަންތަން ފެނެ އެވެ.
ހިޔާ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކާއެކު އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހަވާލު ކުރުމަށް ފަހު ފްލެޓްގެ ފިނިޝިންއަށް ތިން މަސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.