އިނގިރޭސިވިލާތުގެ ދަރިވަރުން ސްކޫލުން ދެ ހަފްތާގެ ޗުއްޓީއެއް ހޯދަން ކޮވިޑް-19 ޓެސްޓުގެ ނަތީޖާތައް އޮޅުވާލަމުންދާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
ދަ ގާޑިއަން އިން ބުނިގޮތުގައި ދަރިވަރުން ކޮވިޑްގެ ނަތީޖާތައް އޮޅުވާލަނީ އަމިއްލައަށް ގޭގައި ހަދާ ރެޕިޑް ފްލޯ ޓެސްޓްހެދުމުގެ ކުރިން އޮރެންޖު ޖޫސް ބޮއެގެންނެވެ. މި ޓެސްޓަކީ އެ ގައުމުގައި ހުއްދަ ދެވިގެން އަމިއްލައަށް ހަދާ އަދި 30 މިނެޓް ތެރޭގައި ނަތީޖާ ލިބޭ ޓެސްޓެކެވެ.
އޮރެންޖަކީ އޭގައި ހިމެނޭ ނައިޓްރިކް އެސިޑްގެ ސަބަބުން ވަގުތީ ގޮތުން ކޮވިޑް-19ގެ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ކަމަށް ދައްކާ މޭވާ އެކެވެ. އެހެން ކަމުން ޓެސްޓު ހެދުމުގެ ކުރިން އޮރެންޖްގެ ބުއިމެއް ބޮއެފި ނަމަ ފޯލްސް ޕޮޒިޓިވްއެއް އައުމުގެ ފުރުސަތު ވަރަށް ބޮޑުވެ އެވެ
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމްގެ ޕްރޮފެސަރެއް ވަނީ ދަރިވަރުންގެ މި އަމަލުތައް ކުށްވެރިކޮށް، އެއީ އެ ކުދިންގެ އާއިލާގެ އިތުރުން ސްކޫލުގެ މާހައުލަށް ވެސް އެތަށް ގެއްލުން ލިބޭކަމެއް ކަމަށް ބުނެފަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސްކޫލުން ޗުއްޓީ ބޭނުންނަމަ ކުރެވޭނެ ގެއްލުން ކުޑަ ކަންކަން ހުންނާނެ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި ފޭކް ކޮވިޑް ޓެސްޓްތައް ހަދާނެ ގޮތުގެ ވީޑިއޯތައް ޓިކްޓޮކްގައި ދައުރުވެފައިވާއިރު، އިނގިރޭސިވިލާތުގައި އެންމެ ގިނައިން ގޫގުލް ސާޗް ކުރެވުނު ކަމަށް ވެސް އެކަން ވަނީ ވެފަ އެވެ.