މާލެ ސަރަހައްދު ގުޅާލުމުގެ ޕްރޮޖެކެޓްގެ ދަށުން މާލެ- ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއު ހަވާލުކުރާނެ ކުންފުންޏެއް ކަނޑައަޅާނެ އިތުރު ތާރީހެއް ސަރުކާރުން މިއަދު ދީފި އެވެ.
މިމަހުގެ އަށް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ތިލަމާލެ ބްރިޖް އެޅުމަށް ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ސޯލިހު ވިދާޅުވި ދެ ހަފްތާ ފާއިތުވެގެންދިޔައިރުވެސް ބްރިޖުގެ މަޝްރޫޢު ބަޔަކާ ހަވާލުނުކުރާތީ އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިދައުރު ނިމިގެންދާއިރު ވެސް ބްރިޖުގެ މަޝްރޫއު ނުފެށޭނެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ކުރިން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ޓެންޑާ ނިމި އިވެލުއޭޝަން މަސައްކަތް ވެސް އޮތީ ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި އަދި ޖޫން މަސް ނިމުމުގެ ކުރިން ބްރިޖްގެ މަަސައްކަތް ފަށަން ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.
މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ތިލަ މާލެ ބްރިޖުގެ މަސައްކަތަށް އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތްކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޕްލޭނިން މިނިސްޓަރު އަސްލަމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ބަޔަކު ކަނޑައެޅުމަށް ފަހު ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށެވެ.
މާލެ ސަރަހައްދަކީ ޗައިނާމީހުން ތަރައްޤީ ކުރަން ދީފައިވާ ތަނެއް ތިކަން ކުރަންވެސް ޗައިނާ ކުންފުނިއާއި ހަވާލުކުރަންވީ އެމީހުން އެއޮތީ ބުރިޖު އަޅާ ކަންކުރެވިދާނެ ކަން ސާބިތުކޮށް ދީފަ !