ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ގުނަން ފަށާނީ އެ ފްލެޓަކަށް ކަރަންޓު ލެވޭ ހިސާބުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ވަނީ ފްލެޓް ބަލާލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މިމުއްދަތުގައި ފްލެޓް ބަލާލުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެގްރިމަންޓްގައި ސޮއިކުރާ ދުވަހު އެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެގޮތުން ކޮންމެ ދުވަހަކު ވެސް ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ފްލެޓްތައް ދައްކާލުމުގެ މަސައްކަތްކުރަމުން ގެންދަނީ އެޗްޑީސީގެ މުވައްޒަފުންނެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރާއިރު ފްލެޓްތަކަށް ކަރަންޓު ލިބެން ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ފްލެޓްގައި ކަރަންޓް ނެތް ނަމަ އެކަން ޖުލައި މަހުގެ ނިޔަލަށް ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސުހައިލް ވިދާޅުވީ ފްލެޓްގެ ކުލި ގުނަން ފަށާނީ ކަރަންޓް އެ ފްލެޓަކަށް ލިބުމުން ކަމަށެވެ
ފްލެޓު ލިބުނު މީހުން ފްލެޓް ބަލަންދާއިރު ސާފު ކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމާއި ތަނުގެ މިންނަގަން ބޭނުންވާ ނަމަ އެކަމަށް ތައްޔާރުވެގެން ދިއުމަށް ސުހައިލް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިޔާ ފްލެޓް ލިބޭ ފަރާތްތަކަށް ފިނިޝިން މަސައްކަތް ނިމުމަށް އެޗްޑީސީން ވަނީ ތިން މަސް ދުވަސް ދީފަ އެވެ. ނަމަވެސް ފްލެޓް ލިބުނު ފަރާތްތަކުން ބުނަނީ ތިން މަސް ދުވަހު ތެރޭގައި ފިނިޝިން ނިންމަން އުނދަގޫވާނެ ކަމަށެވެ. އެހާ ގިނަ ފްލެޓެއްގެ ފިނިޝިން މަސައްކަތް އެއް ފަހަރާ ގިނަ ބަޔަކު ކުރާއިރު ތަކެތި ލިބުމުގަޔާއި އެ މަސައްކަތްކުރާ ފަރާތްތައް ލިބުމުގައި ދަތިތަކެއް އަންނާނެ ކަމަށް ވެސް ބުނެ އެވެ.
މިސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު ހިޔާ ފްލެޓްގެ ފިނިޝިން ނިމިފައިނުވާއިރު، އާންމު ރައްޔިތުންނަށް ފިނިޝިން ނިންމާލެވޭނެ ކަމާމެދު ސުވާލު އުފެދެ އެވެ.