ކުއަލަ ލަމްޕޫރު (17 ޖޫން) - ކޮވިޑް -19އާ ގުޅޭ ކުއްލި މައްސަލަތައް ބެލުމަށާއި ގާނޫނުތައް އެކުލަވާލުމަށް މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް އެ ގައުމުގެ ރަސްގެފާނު އަބްދުﷲ އަހްމަދު ޝާހް ގޮވާލައްވައިފި އެވެ.
ރަސްގެފާނުގެ މި އެންގެވުން އާއްމުކޮށްފައި މިވަނީ އެ ގައުމުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސިން މަޖިލީސް ހުޅުވުން އޮކްޓޯބަރު މަހަށް ފަސްކުރަން ނިންމަވާފައިވާ ވަނިކޮށެވެ.
އެ ގައުމުގައި އާއްމުކޮށްފައި އޮތް ކުއްލި ހާލަތު އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ހަމަވާއިރު، ކުއްލި ހާލަތު ނިމުމާއެކު ގާނޫނު ހަދާ މަޖިލީހުގެ ޗުއްޓީގެ މުއްދަތު ވެސް ނިމުމަކަށް އަންނާނެ އެވެ.
މިކަމާ ގުޅޭގޮތުން ރަސްގެފާނުގެ ރަސްމީ ގަނޑުވަރުކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހަކީ ކޮވިޑް -19 އިން ރައްކާތެރިވުމަށް އަޅަން ހުރި ފިޔަވަޅުތައް އެޅުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ބާރެއް ކަމަށް ރަސްގެފާނު ދެކެވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށެވެ.
ރަސްގެފާނުގެ މި ނިންމެވުން އައިސްފައި މި ވަނީ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބޭއްވުނު މަޝްވަރާގެ ބައްދަލުވުންތަކަކަށް ފަހު އެވެ.
މި ނިންމުމާއެކު ރަސްގެފާނާއި ބޮޑުވަޒީރުގެ ޚިޔާލު ތަފާތުވެ، ސަރުކާރުގެ މެދުގައި ބައިބައިވުން އުފެދިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ރަސްގެފާނުގެ ނިންމެވުމާއެކު އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް އަލުން ފެށުމަށް ރަސްގެފާނުގެ އިތުރު ފިޔަވަޅަކަށް މަޑުކޮށްގެން ތިބި ކަމަށް ބުނެފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް