މިއީ ދިވެހިންގެ ގިނަ ބަޔަކު ދަންނަ ނަމެކެވެ. ހިސާބާއި ސައިންސްގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ވެސް ނަން ވިދާ ޝަހްސިއްޔަތެކެވެ. ރާއްޖޭގެ ނަން ބައިނަލްއަގްވާމީ އުދަރެހުގައި ޝަރަފްވެރިކޮށްދެއްވަމުން އަންނަ ދިވެހި ދަރިއެކެވެ. ފަޚްރުވެރި އައްޑޫގެ ދަރިއެކެވެ. މިއީ ޕްރޮފެސަރު ހަސަން އުގައިލް އެވެ.
ޕްރޮފެސަރު އުގައިލްއަކީ ހިސާބުގެ އިލްމުން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ދިވެއްސެވެ. އަދި ސައިންސްގެ ދާއިރާއިން ޕްރޮފެސަރުކަން ހާސިލް ކުރެއްވި އެންމެ ފުރަތަމަ އަދި ހަމައެކަނި ދިވެހި ބޭފުޅަކީ ވެސް ޕްރޮފެސަރު އުގައިލެވެ.
ސ. ހިތަދޫގެ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ އާއިލާގައި ޕްރޮފެސަރު އުގައިލްއަކީ އެންމެ ދޮށީ ބޭފުޅާ އެވެ. ޅަފަތުގެ ހަޔާތް އެމަނިކުފާނު ސިފަ ކުރެއްވީ އެންމެ ފުރިހަމަ ނޫނަސް އުފާވެރި ދުވަސްތަކެއްގެ ގޮތުގަ އެވެ. ބޮޑުވަމުން އައިއިރު މަންމާފުޅު ދެއްކެވި ހިތްވަރު އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ޕްރޮފެސަރު އުގައިލް ރަސްމީ ތައުލީމެއްގެ ގޮތުގައި ފުރަތަމަ ތައުލީމް ހާސިލް ކުރެއްވީ ހިތަދޫ ނޫރާނީ ސްކޫލުންނެވެ. އޭގެ ކުރިން ރަށު ފެންވަރުގައި ހިންގަމުން ދިޔަ ރަހްބަތުއް ދިރާސާގައި ކުރު މުއްދަތަކަށް ފެށޭ ތައުލީމް ހާސިލް ކުރެއްވި އެވެ. ނޫރާނީ ސްކޫލުން ގްރޭޑް ހަތެއް ނިންމަވައި، އޭރު ގައުމީ ފެންވެރުގައި ހަދަމުން ދިޔަ ޖޭއެސްސީ އިމްތިހާނުން ފާސްވެ، ދެން އެ މަނިކުފާނުގެ ތައުލީމީ ހަޔާތް ބަދަލު ކުރެއްވީ މާލެ އަށެވެ.
"އެއީ 1986 ނޫނީ 87 ގައި. އައްޑޫގައި އެންމެ ފުރަތަމަ ޖޭއެސްސީ އިމްތިހާނު ހެދީ ވެސް އަޅުގަނޑުމެން،" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
މާލެއަށް ވަޑައިގެން ފުރަތަމަ ކިޔެވީ އީޕީއެސް ސްކޫލްގަ އެވެ. އެ ސްކޫލުން ޖީސީއީ އޯލެވެލް ނިންމަވައި ރާއްޖޭގެ ގަދަ 10 ގައި ހިމެނި ވަޑައިގަތެވެ. އެއަށްފަހު މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް ސީއެޗްއެސްއީ، އޭރުގެ ނަމުންނަމަ އެސްއީސީއަށް ވަދެ ވަޑައިގަތެވެ.
ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ޕްރޮފެސަރު އުގައިލް އަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ނޫރާނީ ސްކޫލާއި އީޕީއެސްގެ އިތުރުން އެސްއީސީގައި ވެސް ތަފާތު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް އެމަނިކުފާނު ވަނީ ހޯއްދަވާފަ އެވެ.
މާލޭގައި ކިޔަވަން އުޅުއްވި ދުވަސްވަރަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ. މާލީގޮތުން ތަނަވަސްކަން ލިބިފައި ނެތުމާއެކު އަމިއްލަ ޚަރަދުތައް ބެލެހެއްޓެވީ ކިޔަވަން އުޅުއްވަމުން ކުދިންނަށް ޓިއުޝަން ދީގެން ލިބިލެއްވި އާމްދަނީންނެވެ. ކެއްކުމާއި ދޮވެ، އިސްތިރިކުރުން ފަދަ ކަންކަން ކުރެއްވެވީ އަމިއްލަ ފުޅަށެވެ.
"އޭރު އަނެއްހެން ފައިސާއެއް ނުލިބޭ. އެހެންވީމަ އަޅުގަނޑުމެ ފައިސާ ހޯދީ ކުދިންނަށް ޓިއުޝަން ދީގެން،" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
އެސްއެއީސީ ގައި ކިޔަވަމުން ގެންދަވަނިކޮށް އިގިރޭސި ސަރުކާރުގެ ބްރިޓިޝް ކައުންސިލްގެ ހިލޭ އެހީގެ ދަށުން އިގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލްކުރެއްވުމަށް ސްކޮލާޝިޕެއް ލިބިވަޑައިގަތެވެ. އެ ފުރުސަތުގެ ބޭނުން ހިއްޕަވައި، ފްރޮފެސަރު އުގައިލް ދެން ވަޑައިގަތީ ލަންޑަންގެ ކިންގްސް ކޮލެޖްއަށެވެ. އެ ކޮލެޖްގައި ޑިގްރީއަށާއި މާސްޓާސް ހެއްދެވުމަށް ހަތަރު އަހަރު ހޭދަ ކުރެއްވި އެވެ. ޑިގްރީ ފުރިހަމަ ކުރެއްވެވީ ފަސްޓް ކްލާސް ހޮނާސްއަކާ އެކު އެވެ.
އެއަށްފަހު އަނެއްކާ ވެސް އިނގިރޭސި ސަރުކާރުގެ އެހީގައި ޕީއެޗްޑީ ހައްދަވަން ފުރުސަތު ލިބިވަޑައިގަތެވެ. އިގިރޭސިވިލާތުގެ ލީޑްސް ޔުނިވާސިޓީއިން ޕީއެޗްޑީއަށް ތިން އަހަރު ކިޔަވާ ވިދާޅުވުމަށް ފަހު، ދެން އެމަނިކުފާނު މަސައްކަތް ކުރެއްވެވީ އެ ޔުނިވާސިޓީގައި އެމަނިކުފާނަށް އުނގަންނަވައިދިން ސުޕަވައިޒަރުންނާއެކު ޕޯސްޓް ޑޮކްޓޯރިއަލް ރިސާޗް އެސިސްޓަންޓްއެއްގެ ގޮތުގަ އެވެ.
ޔުނިވާސިޓީ އޮފް ބްރެޑްފޯޑްގެ ސްކޫލް އޮފް އިންފޯމޭޓިކްސްއަށް ލެކްޗަރަރެއްގެ ގޮތުގައި 2002 ވަނަ އަހަރު އެމަނިކުފާނު ގުޅިވަޑައިގަތީ ރިސާޗް ފެލޯއެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެވެ. ލެކްޗަރަރެއްގެ މަސައްކަތް ކުރައްވަމުން ޕްރޮފެސަރުކަން ލިބިވަޑައިގަތީ 2009 ވަނަ އަހަރު އުމުރު 38 އަހަރުގަ އެވެ. މިވަގުތު ޔުނިވާސިޓީ އޮފް ބްރެޑްފޯޑްގެ ސެންޓަ އޮފް ވިޒުއަލް ކޮމްޕިއުޓިންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޕްރޮފެސަރު އުގައިލް ހިމެނިވަޑައިގަންނަވަނީ އެ ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ އުމުރުން އެންމެ ހަނގު ޕްރޮފެސަރުންގެ ތެރޭގަ އެވެ.
އޭގެ ފަހުން ފާއިތުވި ބާރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޕްރޮފެސަރު އުގައިލް ވަނީ ހިސާބު އިލްމާއި ކޮމްޕިއުޓަރު ސައިންސްގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފަ އެވެ. ހިސާބު އިލްމާއި ކޮމްޕިއުޓަރު ސައިންސްއަކީ ކުޑައިރު ވެސް ޝައުގުވެރިކަން ހުންނަ ދާއިރާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކައުނުގެ ހިނގުމާއި ދުނިޔަވީ ކަންކަމާ މެދު އެންމެ ތުއްޕުޅު އިރު ވެސް ފުންކޮށް ވިސްނަވާ ފިކުރުކޮށް ހައްދަވަ އެވެ.
"ދުނިޔޭގެ ކަންކަމާމެދު އަބަދުވެސް ތަފާތުކޮށް ވިސްނަމުން އައީ،" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
ޕްރޮފެސަރު އުގައިލްގެ ހިއުމަން ފޭސް ރިކޮގްނިޝަން އާއި ލައި ޑިޓެކްޝަން ޓެކްނޮލޮޖީއަކީ ގިނަ ގައުމުތަކެއްގެ ޖިނާއީ ތަހުގީގުގައި މިހާރު ބޭނުންކުރާ ޓެކްނޮލޮޖީ އެކެވެ. އިންސާނާގެ މޫނާއި އިޙްސާސްތައް ދެނެގަނެވޭ ގޮތަށް ފަރުވާ ކުރެވިފައިވާ މި ސޮފްޓްވެއާތަކުގެ އެހީގައި ބޭރުގެ ގިނަ ކުށްވެރިންތަކެއް ހޯދިފައިވުމަކީ އެ ޓެކްނޮލޮޖީތަކުގެ ކާމިޔާބުކަން ދައްކުވައިދޭ ކަމެކެވެ.
މީގެ އިތުރުން އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ އާޓިފިޝަލް އިންޓަލިޖަންސްގެ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރައްވަމުންނެވެ. ކޮމްޕިއުޓަ ސައިންސްގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަސައްކަތްތަކެއް ފެނިގެން ދިއުމަކީ ޕްރޮފެސަރު އުގައިލްގެ ވަރަށް ބޮޑު އުއްމީދެވެ.
"ވަރަށް ގިނަ ކާމިޔާބީތަކެއް މިހާތަނަށް އައިއިރު ލިބިފައި ހުރީ. ފޭސް އެންޑް އިމޯޝަން ރިކޮގްނިޝަން ފަދަ މަސައްކަތްތައް ފާހަގަކޮށްލެވޭ،" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
ޕްރޮފެސަރު އުގައިލްގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި 2010 ވަނަ އަހަރު ޔުނިވާސިޓީ އޮފް ބްރެޑްފޯޑް އިން ވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސަލަރު ދެއްވާ އެންމެ މަތީ ޝަރަފް ކަމަށްވާ އެކްސަލަންސް އިން ނޮލެޖް ޓްރާންސްފާ ދެއްވައިފަ އެވެ. މީގެ އިތުރުން އާ އުފެއްދުންތެރިކަން ނުވަތަ އިނޮވޭޝްންގެ ރޮނގުން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވަވާ ގައުމީ އިނާމް ވެސް އެމަނިކުފާނު ވަނީ 2011 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
ސައިންސްގެ ރޮނގުން ދުނިޔެއާއި އިންސާނިއްޔަތަށް ކުރައްވަވާ ޚިދުމަތްތަކުގެ އިތުރުން ދިވެހި ރާއްޖޭގައި ވެސް ޓެކްނޮލޮޖީ ކުރިއެރުވުމަށް ޕްރޮފެސަރު އުގައިލް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު އުގައިލް ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި، ދިވެހިން ބާރުވެރި ކުރުމާއި ބޮޑުވަމުން އަންނަ ޖީލު ސައިންސްއަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދެއެވެ.
އެއާއެކު ޕްރޮފެސަރު އުގައިލް ވަނީ ލިޔުންތެރިކަމުން ވެސް ދިވެހިންނަށް ހަދިޔާ އެއް ދެއްވާފަ އެވެ. "ސިއްހީ ހަދިޔާ" ގެ ނަމުގައި ލިޔުއްވެވި ފޮތަކީ އަމިއްލަ ތަޖުރިބާ ތަކާއި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެ މަނިކުފާނު ލިޔުއްވެވި ފޮތެކެވެ.
އަނބިކަނބަލުންނާއި ތިން ބޭފުޅުންނާއެކު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން އަންނަ ޕްރޮފެސަރު އުގައިލް، ހުސް ވަގުތުތަކުގައި ފޮތް ވިދާޅުވުމާއި އާއިލާއާއެކު ވަގުތު ހޭދަކުރެއްވުމަށް ލޯބި ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދިވެހިންނާއި ދިވެހި ރާއްޖެއަށް ޚިދުމަތް ކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ދާއިރާއިން ނުވަތަ ސަރުކާރުގެ އިސް މަގާމަކުން ފެނުން ދުރުކަމަށް އެމަނިކުފާނު ވިދާޅުވީ އިޖުތިމާއީ ކަންކަމުގައި ދިވެހިންނަށް އެ މަނިކުފާނުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.
"ސިޔާސީ ދާއިރާއަށް ވަނުމުގެ ހިޔާލެއް ނެތް. އެކަމަކު ދިވެހިންނަށް އަޅުގަނޑުގެ ހިދުމަތް އަބަދުވެސް ލިބޭ،" ޕްރޮސަރު އުގައިލް ވިދާޅުވި އެވެ.
ސައިންސްގެ ރޮނގުން ކުރިއަރަން ބޭނުންވާ ކުދިންގެ އިތުރުން ދިވެހި ރާއްޖޭގެ އެންމެހާ ދަރިވަރުންނަށް ޕްރޮފެސަރު އުގައިލް ދެއްވަން އޮތީ ކުރު، އެހެން ނަމަވެސް އިބުރަތްތެރި ނަސޭހަތެކެވެ. ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންވިޔަސް ހިތްވަރާއެކު ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކޮށް އެކަމަކާ ގަޔާވެގެން ހުޝިޔާރުކަމާއެކު ކުރިއަށްދިއުމަކީ ކާމިޔާބީގެ އަސްލު ކަމަށް ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
އަމިއްލަ ދިރިއުޅުއްއުވުމުން މިސާލު ޖައްސަވަމުން ޕްރޮފެސަރު އުގައިލް ވިދާޅުވީ ކާމިޔާބާ ހިސާބަށް އާދެވުނީ ވަކި އަމާޒުތަކެއް ކަނޑައަޅައިގެން އަމިއްލަ މަސައްކަތުން އެކަނި ކަމަށެވެ. އެކަކު ހިނގި މަގަކުން އަނެކަކު ހިނގަން ނުޖެހޭކަން ހަނދާން ކޮށްދެއްވަމުން ޕްރޮފެސަރު އުގައިލް އިތުރަށް ވިދާޅުވީ ކޮންމެ ކުއްޖަކު ވެސް ހިނގާނެ މަގު ކޮށަން ވާނީ އަމިއްލައަށް ކަމަށާއި ޚިޔާރުކުރާ މަގަކީ އަދި ކާމިޔާބީއަށް ކުރާ ދަތުރަކީ ތަފާތު މަގަކަށް އަދި ދަތުރަކަށް ވާނެ ކަމަށެވެ.
"ގޮންޖެހުންތަކާ ކުރިމަތިވާނެ. އުނދަގޫތައް ވެސް ދިމާވާނެ. އެކަމަކު އެކަންކަމާ ކެރިގެން ކުރިމަތިލާންވާނެ،" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
ހަމައެގޮތަށް ބެލެނިވެރިންނަށް ޕްރޮފެސަރު އުގައިލް ދެއްވާ މެސެޖަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމެވެ. އަދި ދަރިވަރުން ބެލެނިވެރިންގެ ދިރިއުޅުން ނަކަލު ކުރަން ނުޖެހޭ ކަމަށާއި އެކުދިންގެ އަމިއްލަ އިޚްތިޔާރުތަކަށް އިހްތިރާމްކޮށް އެ ކަމުގައި އެކުދިންނަށް ހިތްވަރު ދިނުމަކީ ބެލެނިވެރިން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ހަޔާތުގެ ދިގު ދަތުރުގައި އެންމެ ބޮޑަށް ހިތްވަރު ލިބުނީ އާއިލާގެ ފަރާތުން ކަމަށް ފާހަގަ ކުރައްވަމުން ޕްރޮފެސަރު އުގައިލް ވިދާޅުވީ އާއިލާގެ ފަރާތުން ލިބުނު އިހްތިރާމާއި ރުހުމާއި ލޯތްބަކީ މިހާ ހިސާބަށް އައުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
ޕްރޮފެސަރު އުގައިލްއަކީ އެ ބޭފުޅެއްގެ ހަޔާތުން އެންމެންވެސް އިބްރަތް ލިބިގަންނަންވީ ބޭފުޅެކެވެ. އާދައިގެ ދިރިއުޅުއްވުމަކުން ދުނިޔޭގައި ނަން ހިނގާ ޝަހުސިއްޔަތަކަށްވުމަށް ކުރެއްވެވި ދިގު ދަތުރުން ހިތްވަރު ލިބިގަންނަންވީ އެވެ.
ރާއްޖެއަށް ބޭނުންވަނީ ޕްރޮފެސަރު އުގައިލް ފަދަ އިލްމީ ބޭފުޅުންނެވެ. ކެރިގެން ބޭނުންވާ އަމާޒަކަށް މަސައްކަތް ކުރާނެ ޖީލެކެވެ. މިއަދުގެ ޒުވާނުންނަށް އޮތް ގައުމީ ޒިންމާއަކީ ކޮންމެ ދާއިރާއަކުން ވިޔަސް އެންމެ އުހަށް ވާސިލްވުމަށް މަސައްކަތް ކުރުމެވެ. އޭރުން ރާއްޖެއަކީ ވެސް ދުނިޔޭގެ ނިސްބަތުން ނަން ކިޔާނެ އިލްމީ ގާބިލް ބޭފުޅުން ތިބި ގައުމަކަށް ވެދާނެ އެވެ.