ދެހާސް އެއް ވަނަ އަހަރު ނުކުތް ހިންދީ ފިލްމް "ލަގާން" އަށް ވިހި އަހަރު ފުރުމާއި ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު އަދި އެކްޓަރު އާމިރް ޚާން މި ފިލްމާއި ގުޅޭ ވާހަކަތަކެއް ހިއްސާކޮށްފި އެވެ.
އެގޮތުން އާމިރް ޚާން ބުނިގޮތުގައި ފިލްމު "ލަގާން" އަކީ އޭނާ ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ އަލަށް ޕުރޮޑިއުސްކުރުމާއި ގުޅޭ މީހަކަށް ވަރަށް ބޮޑު ފިލްމަކަށްވުމުން ފުރަތަމަ ޕުރޮޑިއުސްކުރާ ފިލްމްގެ ގޮތުގައި މި ފިލްމު ނުނެގުމަށް ކަރަން ޖޯހަރް އާއި އަދިތިޔާ ޗޯޕްރާ އޭނާއަށް ލަފާ ދިންކަމަށް ވެސް އާމިރު ބުނެފައިވެ އެވެ.
ހަމަ މިއާއެކު ކަރަން ޖޯހަރު އަދި އަދިތިޔާ ޗޯޕްރާ ވަނީ ސިންކް ސައުންޑް އަދި ސިންގަލް ޝެޑިއުލް ޝޫޓިންއަކަށް އާމިރު މި ފިލްމު ކުރިޔަށް ގެންދަން އުޅުމުން އެ ކަމަށް ވެސް ފާޑުކިޔާފަ އެވެ. އެ ދެ މީހުން ބުނެފައިވާ ގޮތުގައި ސިންގަލް ޝެޑިއުލް އަކަށް ޝޫޓިންތައް ގެންދިޔުމުން ކުށްތައް ރަނގަޅު ކުރުމަށް ވަގުތު ނުވާނެ އެވެ. އަދި ސައުންޑް ސިންކްކުރުމުގެ ސަބަބުން ޝޫޓިންތަކަށް ބުރޫ އަރާނެ ކަމަށް ވެސް އެ މީހުން ވަނީ އާމިރަށް ބުނެދީފަ އެވެ.
ނަމަވެސް އާމިރް ޚާން ވަނީ އެ މީހުންނާއި ދެކޮޅަށް ގޮސް އޭނާ ބޭނުންވި ގޮތަށް މި ފިލްމް ޕުރޮޑިއުސްކޮށް ނިންމާފަ އެވެ. މިކަމުގެ ސަބަބުން އާމިރްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައި ކަމަށާއި އޭގެ ފަހުން އޭނާ އުފެއްދި ހުރިހާ ފިލްމެއްވެސް އުފައްދާފައި ވާނީ ސިންގަލް ޝެޑިއުލްއަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އާމިރު ދެކޭ ގޮތުގައި ސިންގަލް ޝެޑިއުލަށް ފިލްމުތައް ހެދުމުގެ ސަބަބުން އެ އަދާ ކުރަންޖެހޭ ރޯލެއް އަދާ ކުރުމަށް ތައްޔާރުވުމަށް ގިނަ ވަގުތު ލިބެ އެވެ. އަދި ފަހުން ކަރަން ޖޯހަރް އަދި އަދިތިޔާ ޗޯޕްރާ ވެސް ވަނީ އާމިރު އަމަލުކުރި ގޮތަށް ހަދައި، ފިލްމުތައް އުފައްދަން ފަށައިފަ އެވެ.