އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އައިޖީއެމްއެޗްގައި 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޓެކްސީ ސްޓޭންޑެއް ހަދައިފި އެވެ.
މިޓެކްސީ ސްޓޭންޑް ހަދާފައި ވަނީ ކަނބާ އައިސާ ރަނި ހިނގުމުގައިވާ އައިޖީއެމްއެޗްގެ މެއިން އެންޓްރަންސްއަށް ވާގޮތަށެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ޓެކްސީ ސްޓޭންޑް ގެ ހުރިހައި މަސައްކަތްތަކެއް ނިމި މިހާރު ދަނީ ބޭނުންކުރެވެމުން ކަމަށެވެ. މި މަސައްކަތަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް އެމްޑަބްލިޔުއެސްސީ ބުންޏެވެ.
އެ ކުންފުނިން ބުނީ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ ޓެކްސީ ސްޓޭންޑެއް ހެދުމުގެ މައިގަޑު މަގްސަދަކީ، އައިޖީއެމްއެޗްގެ މެއިން އެންޓްރަންސް ސަރަަހައްދުން ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. މިގޮތުން، ވިއްސާރަ ދުވަސްވަރު މި ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ހިޔަލުގައި މަޑުކޮށްލައި، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް، އިށީނދެގެން ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް، މި ޓެކްސީގެ ބޭނުން ހިފާ ފަރާތްތަކަށް، ޚާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު، މި ކަމުގެ ފަސޭހަކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، ކުންފުނިން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގައި ވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމައުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ތަފާތު އެކިއެކި ރޮނގު ރިނގުން އެހީތެރިވެ، މަސައްކައްތަށް ކޮށްދިނުން ކަމަށެވެ.