ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށް ފަރުވާ ދެއްވަމުން ގެންދަވާ ޑޮކްޓަރުން ބުނެފި އެވެ.
މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ނަމަވެސް ޓްރަމްޕްގެ ޕާސަނަލް ޑޮކްޓަރު ޝޯން ކޯންލޭ ވިދާޅުވި ގޮތުގައި އޮކްސިޖަން ގުޅާފައި ނުވުމުގެ އިތުރުން 24 ގަޑިއިރުވަންދެން ހުންވެސް އައިސްފައި ނުވެ އެވެ.
ޑރ. ކޯންލޭ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ހާލުކޮޅު ރަނގަޅުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ހޮސްޕިޓަލުން ދޫކުރާނެ ތާރީހެއް މިވަގުތު ބުނަން ދަތި ކަމަށެވެ.
މިއަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެން އާއި ދެކޮޅަށް ޓްރަމްޕް ވާދަކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއީ އެ ކެމްޕޭނުގެ ފޯރި އެންމެ ގަދަ ދުވަސްވަރެވެ. ޓްރަމްޕް ޕޮޒިޓިވްވިއިރު މި މަހު 15 ގައި ވަނީ ދެ ވަނަ ރިޔާސީ ބަހުސް މިއާމީގައި ބާއްވަން ޝެޑިއުލްކޮށްފަ އެވެ. ބަހުސްގެ ތާރީޚަށް ގެންނާނެ ބަދަލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި މިވަނީ، ޓްރަމްޕާއެކު މިދިޔަ އަންގާރަ ދުވަހު ރިޔާސީ ބަހުސަށް ވަޑައިގެންނެވި އެންމެ އިސް މުޝީރު ހޯޕް ހައިކްސް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވައިޓްހައުސްއިން ކަށަވަރު ކޮށްދިންތާ ދެތިން ގަޑިއިރު ފަހުންނެވެ. ޓްރަމްޕާއި އެންމެ ގާތުން މި ދުވަސްވަރު މަސައްކަތް ކުރައްވާ 31 އަހަރުގެ އެޑްވައިޒަރު ހޯޕް ހިކްސް ޕޮޒިޓިވްވިއިރު އޭނާ ވަނީ އަންގާރަ ދުވަހު އޮތް ރިޔާސީ ބަހުސަށް ޓްރަމްޕް އަރިހު އެއާ ފޯސް ވަންގައި އޮހާޔޯ އަށް ދަތުރު ވެސް ކުރައްވައިފަ އެވެ.