އަހަރުމެންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ބިނާވެގެން ވަނީ ހަށިގަނޑަށް ބޭނުންވާ މާއްދާތަކުގެ މައްޗަށެވެ. އެގޮތުން ވިޓަމިންސް ޑީ އަކީ ސިއްހަތު ރަނގަޅުކޮށް ހުރުމަށްޓަކައި ވަރަށް މުހިއްމު މާއްދާ އެކެވެ.
ވިޓަމިންސް ޑީ އަކީ ކޮބާ؟
ކެލްސިއަމް އާއި ފޮސްފަރަސް ފަދަ މިނަރަލަސް ހަށިގަނޑަށް ލިއްބައިދޭ މާއްދާ އަކީ ވިޓަމިންސް ޑީ އެވެ. ދަތްތަކާއި ކަށިތައް ވަރުގަދަ ކުރުމަށް އެހީވެދެނީ ވިޓަމިންސް ޑީ އެވެ. ހަށިގަނޑުގެ މަސްތަކާއި ނާރުތަކުގެ އިތުރުން ދިފާއީ ނިޒާމް އެންމެ ރަނގަޅު ގޮތުގައި ހިނގުމަށް ބާރުއަޅަނީ ވެސް ވިޓަމިންސް ޑީ އެވެ. އިރުގެ ދޯދިތަކުންނާއި ބައެއް ބާވަތްތަކުގެ ކާނާއިން ލިބިދޭ މި މާއްދާ އަކީ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް މުހިއްމު މާއްދާ އެކެވެ.
ވިޓަމިންސް ޑީ މަދުވާން މެދުވެރިވަނީ ކީއްވެ؟
ހަށިގަނޑަށް އެކަށޭނަ ވަރަށް އިރުގެ ދޯދި ނުލިބޭނަމަ ވިޓަމިންސް ޑީ މަދުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ. އަދި ހަމަ އެހެންމެ ކާނާގެ ޒަރިއްޔާއިން ލިބެންވާ ވަރަށް ވިޓަމިންސް ނުލިބުމަކީވެސް ހަށިގަނޑުގައި ވިޓަމިން ޑީ މަދުވުމަށް މެދުވެރި ވެދާނެ ކަމެކެވެ. ހާއްސަކޮށް ކިރުގެ ބާވަތްތައް ބޭނުން ނުކުރާ ވެޖިޓޭރިއަން މީހުންނަށް މި ފުރުސަތު ވަކިން ބޮޑެވެ. މީގެ އިތުރުން ހަށިގަނޑުގައި ވިޓަމިންސް ހުންނަ ވަރަށް ނަސްލާއި ޖެނެޓިކްސް އިންވެސް އަސަރު ކުރާ ކަމަށް ދިރާސާ ތަކުން ދައްކަ އެވެ. އެގޮތުން ކަޅު ނަސްލުގެ މީހުންގެ ހަށިގަނޑުގައި ވިޓަމިންސް ހުންނަ މިންވަރު އެހެން ނަސްލުތަކާ އަޅާބަލާއިރު މަދެވެ.
ވިޓަމިންސް މަދުވުމުން އޮތް ނުރައްކަލަކީ ކޮބާ؟
ހަށިގަނޑަށް ބޭނުންވާ މިންވަރަކަށް ވިޓަމިންސް ޑީ ނުލިބޭނަމަ ގިނަގުނަ ސިއްހީ މައްސަލަތަކަކަށް ހުށައެޅިގެންދެ އެވެ. ލަކުނު ފަސޭހަވުން ލަސްވުމާއި މަސްގުޅަކައި ގައިގައި ރިއްސުމަކީ ވިޓަމިންސް ޑީ މަދުވެއްޖެނަމަ އާއްމުކޮށް ފެންނަ ކަންކަމެވެ. މީގެ އިތުރުން ކަށީގެ ބައްޔެއް ކަމަށްވާ ރިކެޓްސް ޖެހުމުގެ ފުރުސަތު ބޮޑުވުމާއި އާއްމުކޮށް ކުޑަ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ އޮސްޓިއޮމެލޭސިއާ ޖެހުން ގާތްވެ އެވެ.
ވިޓަމިންސް މަދުވުމުގެ ފުރުސަތު ބޮޑީ ކޮންބަޔަކަށް؟
ވިޓަމިންސް ޑީ މަދުވުގެ ފުރުސަތު ބޮޑު މީހުން އުޅެ އެވެ. އެގޮތުން ގާތުން ކިރުދޭ ކުޑަކުދިންނަށް ވިޓަމިންސް މަދުވުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ބުނެ އެވެ. ސަބަބަކަށް ވަނީ މައިމީހާގެ ގާތުން ދޭ ކިރުގައި ނިސްބަތުން ވިޓަމިންސް ޑީ މަދުވުމެވެ. ހަމަ އެއާއެކު ގޭހުގެ މައްސަލަތައް ކުރިމަތިވާ މީހުންނާއި އިސްކޮޅާ އަޅާބަލާއިރު ބަރުދަން އިތުރު މީހުންނަށްވެސް ވިޓަމިންސް މަދުވުމުގެ ފުރުސަތު ބޮޑެވެ.
ވިޓަމިންސް ޑީ އިތުރު ކުރަން ކުރެވޭނީ ކޮން ކަމެއް؟
ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް ޑީ އިތުރު ކުރުމަށް ކުރެވިދާނެ ވަރަށް ފަސޭހަ ކަންކަން ހުންނާނެ އެވެ. ދުވާލުގެ ކޮންމެވެސް ގަޑިއެއް އިރުގެ ދޯދި ލިބޭނެހެން ހާއްސަ ކުރާށެވެ. އިރުއަރާ ގަޑިގައި ދުވަން ދިއުން ފަދަ ކަންތައް އޭގެ ތެރޭގައި ހިމެނެ އެވެ. ހަމަ އެހެންމެ ކެއުމުގައި ރަނގަޅު ބާވަތްތައް ޚިޔާރު ކުރެވިދާނެ އެވެ. ބިހާއި ކިރު އަދި ޗީޒްގެ އިތުރުން ޔޯގަޓް ފަދަ ކިރުގެ ބާވަތްތަކަކީ ވިޓަމިން ޑީ މުއްސަނދި ބާވަތްތަކެވެ. މިކަންކަމާ އެކުވެސް ވިޓަމިން ޑީ ހަށިގަނޑުގައި މަދުނަމަ ސަޕްލިމަންޓް އެއް ބޭނުން ކުރެވިދާނެ އެވެ.
ވިޓަމިންސް ޑީ އަކީ އަހަރުމެންގެ ހަށިގަނޑަށް އެހާ މުހިއްމު އެއްޗަކަށް ވީއިރު މިކަންކަމުގެ މައުލޫމާތު ހޯދައި ހޭލުންތެރިވުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެކެވެ.