ކޮވިޑް ޖެހިގެން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ތަހުގީގުން ހާމަވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން ވަނީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓް އާންމުކޮށްފަ އެވެ.
މިޝްކާގެ ހާލު ދެރަވެގެން އޭނާގެ އާއިލާގެ ފަރާތުން ކޯލް ސެންޓަރަށް ގުޅުމުން އެމަޖެންސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައިނުވާކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ.
އިމަޖެންސީއެއްގެ ގޮތުގައި ރިޕޯޓް ކުރެވުނު ހިސާބުން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި، ދެ ގަޑިއިރާއި 26 މިނެޓް ހޭދަވި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އަދި އެތައް އިރެއްފަހުން އިމަޖެންސީ މެޑިކަލް ސާވިސް އަށް މައުލޫމާތު ލިބުމުން ވަގުތުން އެކްޓިވޭޓްކޮށް 10 މިނިޓް ތެރޭ މިޝްކާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ވެސް ތަހުގީގު ރިޕޯޓްގައިވެ އެވެ.
އެއީ އިމަޖެންސީ ހާލަތެއް ކަމުގެ މައުލޫމާތު މެޑިކަލް ރެސްޕޯންސް ޓީމާއި ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމަށް ހިއްސާކުރެވިފައި ވީ ނަމަވެސް އަމަލުކުރަންޖެހޭ އުސޫލާ އެއްގޮތަށް އެމްބިއުލާންސް ފޮނުވަން މަސައްކަތްކޮށްފައިނުވާ ކަމަށް ވެސް ތަހުގީގުން ވަނީ ހާމަވެފަ އެވެ.
އެކަމާ ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު، ކުއްޖާގެ ހާލަތު ސީރިއަސް ކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލްސެންޓަރަށް ބެލިފައިނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
ތަހުގީގު ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންތޯ އެހުމުން، ކޮންސަލްޓޭޝަން ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވާ ކަމަށެވެ. އަދި އެކަން ޝީޓްގައި ފާހަގަކުރި ނަމަވެސް، އެ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް، އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަންޖެހެ އެވެ. ނަމަވެސް އެ މައުލޫމާތު ސިސްޓަމަށް އަޕްޑޭޓު ކޮށްފައިނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އުސޫލު ހަމަޖެހިފައިވާ ގޮތުން، ކޮވިޑަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ގުޅައި ހާލު ބަލަންޖެހެ އެވެ. ނަމަވެސް އެ ދެ ދުވަހުގެ ތެރޭގައި ވެސް ކެއާ ކްލަސްޓާއިން މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަން ތަހުގީގުން ހާމަވެ އެވެ.