ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ހަ މީހަކު މަރުވެއްޖެ އެވެ.
މިއަދު ހުޅުމާލޭ ފެސިލިޓީން ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 66 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ އަންހެނަކާއި 79 އަހަރުގެ ފިރިހެނަކާއި 68 އަހަރުގެ އަންހެއްގެ އިތުރުން 78 އަހަރުގެ ފިރިހެނެކެވެ.
މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާފައި ފަރުވާ ދެމުންދިޔަ ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއީލް ފަތުހީ ވަނީ އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގިނަ ބަޔަކަށް އަދިވެސް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑު ޖެހިގެން 100އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ ތަޖުރިބާކުރާ އެންމެ ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 22 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގަ އެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.