މާސްއަށް ކާމިޔާބު ކަމާއެކު އުޅަނދެއް ތިރިކުރި ދެވަނަ ގައުމު ކަމަށްވުމުގެ ޝަރަފު ޗައިނާއަށް ހޯދައިދިން ރޯވާ، މާސްގައި ދުއްވަން ފަށައިފި އެވެ.

މީގެ ހަފުތާއެއްގެ ކުރިން މާސްގައި ލޭންޑްކުރި ރޯވާ އޭގެ ލޭންޑިން ޕްލެޓްފޯމުން ނެރެ މާސްގެ ސާފޭސްގައި ދުއްވަން ފެށީ އިއްޔެ ރާއްޖޭ ގަޑިން ހެނދުނު 6.40 ހާއިރު އެވެ.

މާސްއަށް އުޅަނދެއް ކާމިޔާބުކަމާއެކު ޖެއްސުމުގެ އުނދަގޫ މަރުހަލާ ކަޑައްތު ކުރުމުގައި ޗައިނާވެފައި ވަނީ ދެވަނަ ގައުމަށެވެ. އެމެރިކާގެ ނާސާއިން މިހާރު ވެސް ގެންދަނީ މާސް ގައި ތަހުލީލުތަކެއް ކުރަމުންނެވެ. ޕާސިއަވެންސްގެ ނަމުން ނަންދީފައިވާ މި އުޅަނދުން މާސްގައި ތަފާތު ދިރާސާތަކެއްކޮށް މައުލޫމަތުތަކެއް ދަނީ ފޮނުވަމުންނެވެ. ޗައިނާގެ އުޅަނދު ޒޫރަންގް މާސްގެ ބިމުގައި 90 ދުވަސް ވަންދެން ތަހުލީލުތައް ކުރުމުގައި ދެމި އޮންނާނެ އެވެ.

ޗައިނާގެ ޖައްވީ ހަރަކާތްތައް ބާރު ސްޕީޑުގައި ކުރިއަށް ދަނީ ގެންދަމުންނެވެ. އެގޮތުން ޗައިނާއިން ވަނީ ހަނދުގެ ދުނިޔެއާ ދުރު ހިސާބަށް ކާމިޔާބުކަމާ އެކު އުޅަނދެއް ޖައްސައި، ހަނދުން ހިލަ ނަގައިގެން ބިމަށް ގެނެސްފަ އެވެ. ޗައިނާއިން ބިނާކުރާ ޖައްވީ ސްޓޭޝަންގެ ފުރަތަމަބައި ވަނީ މިމަހުގެ ކުރީކޮޅު ޖައްވުގައި ކާމިޔާބުކަމާއެކު ގާއިމު ކޮށްފަ އެވެ. މި ސްޓޭޝަން ބިނާ ކުރަން ހަމަ ޖެހިފައިވަނީ އެކިބައި ބައި ވަކި ވަކިން ގެންގޮސް ރާވާލައިގެންނެވެ.

ކުރިއަށް އޮތް ތަނުގައި ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަން ނިންމާފައި ވާއިރު ރަޝިޔާއާ ގުޅިގެން ހަނދުގައި މަރުކަޒެއް ބިނާކުރުމުގެ މަޝްރޫއެއްގެ ޕްލޭންތައްވެސް ދަނީ ކުރެވެމުންނެވެ. ސްޕޭސް ރޭހުގައި ޗައިނާއިން ކުރިހޯދަމުން މިންވަރުން ޗައިނާގެ ހައިބަތު ދުނިޔޭގައި ދަނީ އުފުލެމުންނެވެ.