ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާ ސާމްޕަލްގެ ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްއީއޯސީގެ ފަރާތުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ލަސްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް މިއަދަށް ވަނީ ވެފަ އެވެ. އަދި ނަތީޖާ ލިބުމަށް ފަހު އެންގުން ލަސްވާކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރެ އެވެ.
މަބްރޫކް ވިދާޅުވީ އެ ހުރިހާ ކަމަކަށް ހައްލު ހޯދައިދިނުމުގެ ސާމްޕަލްތައް އަވަހަށް ޕްރޮސެސްކޮށް ނަތީޖާ ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިރެއިން ފެށިގެން ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނަތީޖާ ލިބުން އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ކޮވިޑުގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. އެގޮތުން މިއަދު ވެސް ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު އުޅެނީ 1،000 މަތީގަ އެވެ. މިހާރު 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނައިރު 15 މީހަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ. އަދި 200އަށް ވުރެ ގިނަ މީހުނަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
ކޮވިޑު ޖެހިފައިވާ ބައެއް މީހުންނަށް ގޭގައި ބަހައްޓައިގެން މިހާރު ފަރުވާދޭން ފަށާފައިވާއިރު އެ މީހުންގެ ސިއްހީ ހާލަތު މޮނިޓާ ކުރަން ސިއްހީ ހިދުމަތްތެރިން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.