މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާ ހަބަރު މީޑިއާތަކުގައި ޖެހުން މަނާކުރުމަށް، ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ޖަލްސާގެ ބޮޑު ބައެއް ކުރިއަށް ގެންދިޔައީ ވެސް މައިކު ކަނޑާލައިގެންނެވެ. އަދި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރި މި އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
އެ އިސްލާހުގައި އެމްއެމްއޭގެ ރޭޓަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި އިޝްތިހާރުކުރުމާއި، އާންމުންނަށް އެނގޭނެހެން ޑިޖިޓަލް ވަސީލަތްތަކާއި މީޑިއާ މެދުވެރިކޮށް އެފަދަ މައުލޫމާތު ފެތުރުން ކުށަކަށް ހަދައި، އާންމު ފަރުދުން 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ހިމަނާފަ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނުވަތަ ގާނޫނީ ޝަހުސަކުން ކަޅުބާޒާރުގެ ރޭޓުތައް އާންމުކޮށްފިނަމަ 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޖޫރިމަނާއެއް ކަނޑައެޅުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
މީގެއިތުރުން އެމްއެމްއޭގެ ރޭޓަށްވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ފަރާތްތައް 25,000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ބިލުގައިވެ އެވެ.
މި ބިލަކީ ރިސޯޓުތަކުގެ އާމްދަނީގެ އިންސައްތައެއް މާރުކުރަންޖެހޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވުމަށްފަހު، އިތުރު އިސްލާހުތައް ގެނައުމަށް އަނބުރާ ކޮމެޓީއަށް ފޮނުވާލި ބިލެކެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން، ހާއްސަކޮށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މި އިސްލާހުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ސަރުކާރުން މިފަދަ އިސްލާހެއް ގެނެސްފައި މިވަނީ، ކަޅުބަޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ނޫސްތަކުގެ ސުރުހީތަކުގެ ސަބަބުން ކަމަށާއި އެއީ ނުބައި މައުލޫމާތު ފަތުރައިގެން "ޕެނިކް" އުފެއްދުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ހަދަން ނިންމި ވާހަކަ ދޮގުކޮށްފި
ރަޝިޔާއިން ރާއްޖެއަށް ފްލައިޓްތައް އިތުރުކުރަނީ
ޖަނާގެ ބޭންކް ހުޅުވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަނީ