ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރްސީން ވަގަށް ނެގި ފައިސާ ލިބިފައިވާ ކަމަށް ބުނެ މަޖިލީހުން އާންމުކުރި ލިސްޓްގައި އޭނާ ވަގަކަށް ހަދާފައިވާ ކަމަށް މަޝްހޫރު ޑައިރެކްޓަރު އަދި ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މަޖިލީހުން އާންމުކޮށްފައިވާ ލިސްޓްގެ ބައެއް ސްކްރީން ޝޮޓްތަކާއެކު ނަހުލާގެ އެފްބީގައި ބުނެފައިވަނީ އޭނައަކީ އަމިއްލަ ބޭނުންތަކަށް އެއްވެސް މީހަކު އަތުން ފައިސާ ހޯދަން ޖެހޭ ފެންވަރުގެ މީހެއް ނޫން ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަން އެނގުނީ އެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމު ކުރުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ނަހުލާ ބުނެފައި ވަނީ 2015 ވަނަ އަހަރު ޕީޕީއެމްގެ ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާއަށް ކުރިމަތިލީ ކަމަށާއި، ޕާޓީއަކުން ކުރިމަތިލައިފި ނަމަ، ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ފައިސާ ދޭނެކަން އެންމެނަށް ވެސް އެނގޭނެ ކަމަށް ނަހުލާ ބުންޏެވެ.
"އަސްތާ ނުވެސް ދެނެހުރެ ހުއްޓާ އަޅުގަނޑު ވެސް މިއޮތީ ވަގަކަށް ހަދާފައި،" ނަހުލާ ބުންޏެވެ.
ނަހުލާ ވަނީ "ޕާޓީތަކުގެ ވެރިން ވައްކަންކޮށްގެންނާއި، ފޭރިގެން ނުވަތަ ލޫޓުވައިގެން ހޯދާ ފައިސާ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ނުދިނުމަށް" ގޮވައިލައްވައިފަ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަންފާ ލިބިވަޑައިގެންނެވި ފަރާތްތައް ކަމަށް ބުނެ، ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓ(241 ކޮމިޓީ) އާއި، ޖުޑިޝަރީ ކޮމިޓީ ގުޅިގެން އެކުލަވައިލައިފައިވާ ޖޮއިންޓް ކޮމިޓީން ލިސްޓެއް އާންމުކުރީ އިއްޔެ އެވެ. އެ ލިސްޓުގައި ނަހުލާގެ ނަން ވެސް ހިމެނެ އެވެ.