މަސްވެރިންގެ ކަންބޮޑުވުމާއެކު، ކަނޑުއޮތްގިރިން މިއަދު އައިސް ވިއްކަން ފަށާފައިވާ ކަމަށް ސަރުކާރު މަސް ކުންފުނި މިފްކޯއިން ބުނެފި އެވެ.

މަސްވެރިކަމާއި އެންވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިފަހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މިފްކޯގެ އައިސް ޕްލާންޓްތަކުން ދުވާލަކަށް ދޯންޏަކަށް ވިއްކާ އައިސްގެ މިންވަރު ދެ ޓަނަށް ލިމިޓްކުރުމަކީ މަސްވެރިންނަށް މަހަށް ފުރަން އޮތް ބޮޑު ހުރަހެއް ކަމަށް އޭރު އެ ޔޫނިއަން އިން ބުންޏެވެ. އަދި ކަންނެލި މަސްވެރިކަމުގެ ބާވަތުން ދެ ޓަނު އައިސްއަކީ ދުވާލެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށް އެ ޔޫނިއަންއިން ބުނެ އެވެ.

ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރަމުން، އެ ވައުދާ އެއްގޮތަށް ލަސްކުރުމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެ ޔޫނިއަނުން އޭރު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ކަން އެހެން އޮއްވައި މިފްކޯއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ކަނޑުއޮތްގިރިން މިއަދު ވަނީ މަސްވެރިންނަށް އައިސް ވިއްކަން ފަށާފައި ކަމަށެވެ. އަދި ކަނޑުއޮތްގިރިން އައިސް ލިބުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު 25 ޓަނުގެ މި އައިސް ޕްލާންޓާ އެކު ކަނޑުއޮތްގިރީގައި މި މަހު ވަނީ ހިކިމަސް ފެކްޓަރީއެއް ވެސް ހުޅުވާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ބީކޭއެމްޔޫއިން އިއްޔެ ވެސް ވަނީ ނުއަގުގައި ކަންނެލި މަސްވެރިންނަށް މަސް ވިއްކަން ޖެހޭތީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.