ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައި ވާއިރު، އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައި ވަނީ ޏ. ފުވައްމުލަކަށް ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ފުވައްމުލަކަށް ވަނީ 46.5 މިލީމީޓަރުގެ ވާރޭވެހިފަ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައި ވަނީ ސ. ހުޅުމީދުއަށެވެ. އެއީ 16.6 މިލީމީޓަރުގެ ވާރޭ އެވެ. މީގެ އިތުރުން ބ. ގޮއިދުއަށް 12.9 މިލީމީޓަރު، އއ. ތޮއްޑުއަށް 11.1 މިލީމީޓަރު އަދި ރ. އިފުރަށް 11.0 މިލީމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މާލެ ސަރަހައްދަށް ބަލާއިރު މާލެއަށް 3.0 މިލީމީޓަރު އަދި ހުޅުމާލެއަށް 5.1 މިލީމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
އިއްޔެގެ މޫސުމަށް ބަލާއިރު މާލެއަށް ވަނީ ވަރަށް ބޮޑަށް އުދަ ވެސް އަރައިފަ އެވެ.
މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވާރޭވެހޭ ވަގުތު ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ހަމައެއާއެކު ކަނޑުތައް އާންމުގޮތެއްގައި މަޑުވި ނަމަވެސް ވާރޭވެހޭ ވަގުތު ތަންކޮޅެއް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފަ އެވެ.
މިނިވަން ދުވަހުގެ ތަގުރީރާމެދު ހިތާމަކުރަންޖެހޭ: ރާޝިދާ
ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 ޕަސެންޓަށް ދަށްވެއްޖެ
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި