މުސްލިމުންގެ ތެރޭގައި ފާހަގަ ކުރެވޭ އެންމެ ބޮޑު މުނާސަބަތު އަހަރުމެންނާ ބައްދަލުކޮށްފި އެވެ. "ރީތިވިހާ ލަވަތައް ކިޔަމުންނެވެ. މާމަލުގައި ފަރި ކުލަތައް ޖައްސަމުންނެވެ. މީރު ވަހުން ޖައްވު ހުވަނދު ލަމުންނެވެ." ލަވައިގައި ޅެންވެރިޔާ ވިދާޅުވާ ކަންކަން މިއަދު މި ގައުމުގެ ޖައްވުން އިހުސާސް ކުރެވެ އެވެ.
މިއަދުގެ އިރު އަރައިގެން އައީ އީދުގެ ތަހުނިޔާ ފޮނުވަމުންނެވެ. ކުރެވުނު އަޅުކަމުގެ ފޮނިމީރުކަން ލިއްބައިދިން ހިތްގައިމު އިހުސާސް ކުރުވަމުންނެވެ. ރަމަޟާން މަހުގެ ހެޔޮކަމާއި މަތިވެރިކަން ހަނދާން ކޮށްދެމުންނެވެ. ފިތުރު ޒަކާތާއި އީދު ނަމާދުގެ ހިތްހަމަޖެހުން ލިއްބައިދެމުންނެވެ.
ލަހެއްނުވެ އީދުގެ ފޯރި ފެށިދާނެ އެވެ. ފެނިދެނިވާ ކުދިބޮޑު އެންމެންގެ މެދުގައި އީދު ސަލާން ގަލާންކުރުން ފެށޭނެ އެވެ. ހެނދުނު ސަޔަށް ބޯކިބާ ފިހެވޭނެ އެވެ. ހަނގެއް ދޮށްޓެއް، ކުޑައެއް ބޮޑެއް ނެތި ފެންކުޅި ކުޅުން ފެށޭނެ އެވެ.
މެންދުރުގެ ސުފުރާއަށް ނާސްތާ ތައްޔާރު ކުރެވިގެންދާނެ އެވެ. އަވަށްޓެރިންނާއި ގާތްތިމާގެ އެންމެންގެ މެދުގައި ތަށިބަރި ބަދަލު ކުރުން ވެސް ނޯވެ ނުދާނެ އެވެ. އެއްގޭގެ ބަދިގެއިން އަނެއްގޭގެ ބަދިގެއަށް އީދުގެ އުފާ ފަތުރަމުން ރަށުތެރޭގައި މީހުން ހިނގާނެ އެވެ.
ހަވީރު ދަޅައަށް އެޅުމުން އީދު ނަލަ ހެދުން ފެށުނީ އެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ އިސް ރަށްވެހިންވެސް އީދު ހަވީރަށް ޒީނަތްތެރިވާނެ އެވެ. ރަށު ފެންވަރުގެ ކުޅިވަރުތައްވެސް ކުރިއަށް ދާނެ އެވެ. އެ ކުޅިވަރުތަކުގެ ޖޯޝާއި ފޯރިން މުޅި ރަށް ގުގުމާލާނެ އެވެ.
ބައިބައިވުމެއް ފިތުނަވެރިކަމެއް ނެތެވެ. ސިޔާސީ ފިކުރާއި ހަސަދައިގެ މަލަވެސް ނުފެނެ އެވެ. ފެންނަން އޮންނާނީ އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ. އަޚްވަންތަކަމާއި އުޚުއްވަތްތެރިކަމެވެ. މިނިވަންކަމާއެކު އެއް ވިސްނުމެއްގައި ދިރިއުޅޭ މުޖުތަމައެކެވެ.
ލެންވެރިޔާ ވިދާޅުވާ މީރުވަސް ހުރި ޖައްވަކީ މިއީ ނޫންތޯ އެވެ. އިޝާރާތް އެ ކުރައްވަނީ އަޚްވަންތަކަމާއި އެއްބައިވަންތަކަމުގެ މީރު ހުވަނދަށް ނޫންތޯ އެވެ. މިއަދު ފެންނާނެ ރީތި އާދަކާދަ ތަކާއި ސަގާފަތްތަކަކީ މި އީދު ހިނިތުންވި ސަބަބު ނޫން ކަމަށް ވެދާނެތޯ އެވެ.
ތެދެކެވެ؛ ޅެންވެރިޔާގެ ބަސްކޮޅު ވަރަށް ވެސް ތިލަ އެވެ. އީދު އީދަށް ވަނީ އަދި އެ އީދު ފުރިހަމަ ވަނީ އަޅުގަނޑުމެންގެ އަމަލުތަކުންނެވެ. އާދަކާދަތަކާއި ސަގާފަތްތަކުންނެވެ. އެ ކަންކަމުގައި ހިފަހައްޓަމާ ހެއްޔެވެ؟ ޅެންވެރިޔާގެ ހިނިތުންވި އީދު މިފަހަރު ވެސް މި އުނދަގޫ ހާލަތުގައި ވެސް ގެންނަމާތޯ އެވެ.