މާލެއާއި ވިލިމާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ސާވިސް ނުވަތަ މަގު ފާރަވެރިން މެދުވެރިކޮށް ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ފަށަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި ކައުންސިލް ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވިދާޅުވީ، ހުޅުމާލޭގެ އާބާދީ، ހާއްސަކޮށް ފޭސް ދޭއްގެ އާބާދީ އިންތިހާއަށް ބޮޑުވަމުން ދާއިރު، އެތަނުގެ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ގިނަ ސަރަހައްދުތަކެއް ގޮނޑުވެ، ކުނި ގިނަވުމުގެ އިތުރުން، ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުބައްތިތައް ނުދިއްލޭތީ ރޭގަނޑު މުޅި ސަރަހައްދު އޮންނަނީ ނާމާން އަނދިރިކަމެއްގެ ތެރޭގަ އެވެ. މީގެ ސަބަބުން ކުށްކުރުން އިތުރުވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މުޅިން ގެއްލެމުންދާތީ، އެކަންކަން ހައްލުކުރުމަކީ ކައުންސިލުން ދެން ފަސްޖެހެވެން ނެތް ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ނުރައްކާތެރި ހާލަތުން ހުޅުމާލޭގެ ރައްޔިތުން ސަލާމަތްކޮށް، މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުން ވަނީ މަގު ފާރަވެރިން ނެރުމުގެ މަޝްރޫއު ހުޅުމާލެއަށް ފުޅާކުރުމަށް ރަސްމީކޮށް ފާސްކޮށްފަ އެވެ. މި ހިދުމަތް ފެށުމުން މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާއި، އާންމުންނަށް އުނދަގޫވާ ގޮތަށް ޕޭވްމަންޓްތަކުގައި ބަހައްޓާފައި ހުންނަ ތަކެތި ބަލައި، އެކަންކަން ހުއްޓުވުމަށް މުނިސިޕަލް ފިޔަވަޅުތައް އަޅާނެ އެވެ.
މާލެ އަދި ވިލިމާލޭގައި މިހާރު ވެސް ކާމިޔާބުކަމާއެކު ހިންގަމުންދާ މި ނިޒާމުގެ ސަބަބުން، ހުޅުމާލޭގެ މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށާއި، ކުށްކުރާ ފަރާތްތަކަށް އޮތް ފުރުސަތުތައް ހަނިކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ކައުންސިލުން އުއްމީދުކުރެ އެވެ. އަދި ވީހާވެސް އަވަހަކަށް މި ހިދުމަތް ފަށައި، ހުޅުމާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދޭނެ ކަމަށްވެސް ކައުންސިލުން ހާމަކުރެ އެވެ.
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު
މާލޭގެ މޭޔަރާއި ކައުންސިލަރުންނަށް އެޗްޑީސީން ހުރަސްއަޅައިފި