ދިރިއުޅުމުގައި ހިތާމަތަކާއި ހާސްކަން ބޮޑު ހާލަތްތަކީ ކުރިމަތިލާން ޖެހުމަކީ ދުނިޔޭގެ ހަގީގަތެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ދިރިއުޅުމުގައި އަޑިގުޑަންތަކުން އަރައިގަންނަން މަސައްކަތް ކުރާއިރު އެކަމުގައި އެންމެ ބޮޑަށް އެހީވެދޭނީ އަމިއްލަ ނަފްސުގައި އަށަގަނެފައިހުރި ސިފަތަކާއި ހުނަރުތަކެވެ.

އެގޮތުން ހަޔާތުގެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަމިއްލައަށް ދަސްކުރަންޖެހޭ ދިރިއުޅުމުގެ ތަފާތު ހުނަރުތަކެއް މާހިރުން ފާހަގަ ކޮށްފައިވެ އެވެ.

1. ޖަޒުބާތުތައް ކޮންޓްރޯލް ކުރުން

ކޮންމެ ކަމަކާ ގުޅިގެން ވަގުތުން ރިއެކްޓްކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ކަމެއް ދިމާވުމުން މަޑުޖެހިލައި، އަމިއްލަ އިހުސާސްތައް ދެނެގަނެ، ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ކޮށްދޭނެ ކަމެކެވެ.

2. ފައިދާހުރި މިންތައް ނުވަތަ ބައުންޑަރީސް ކަނޑައެޅުން

އަމިއްލަ ވަގުތާއި، ހަކަތައާއި، ސިއްހަތު ރައްކާތެރިކުރުމަށްޓަކައި "ނޫނެކޭ" ބުނަން ދަސްކުރާށެވެ. މިއީ މީހުން ދުރުކުރުމެއް ނޫނެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމުގައި އިސްކަންދޭންވީ ކޮން ކަންތައްތަކަކަށްތޯ ނިންމުމުގެ ބާރު އަމިއްލަ އަތަށް ނެގުމެވެ.

3. އަމިއްލަ ނަފްސުގެ އަހްލާގު ހިފެހެއްޓުން

ކަންކަން ކުރަން ހުންނަ ޝައުގުވެރިކަން އައިސް ގޮސްވެދާނެ އެވެ. ނަމަވެސް، ކަމެއް ކުރަން ފޫހިވާ ދުވަސް ދުވަހުވެސް ނުވަތަ އެއްވެސް މީހަކު ބަލަން ނެތް ނަމަވެސް ކުރަންޖެހޭ ކަންކަން ކުރުމުގެ އާދަ ހިފެހެއްޓުމަކީ ކާމިޔާބީގެ އަސްލެވެ.

4. ނާކާމިޔާބީތައް ބަލައިގަތުން

ނާކާމިޔާބީއަކީ ތިމާގެ އަގުވެއްޓޭ ކަމެއް ނޫނެވެ. އެއީ ހަމައެކަނި އެކަން ކުރި ގޮތް ރަނގަޅުނޫންކަން އަންގައިދޭ ނިޝާނެކެވެ. ކަންކަން ނުބައިކޮށް ދިއުމުން، އެއިން ފިލާވަޅު ލިބިގަނެ، ކުރިއަށްދާން ނިންމާ ނިންމުމަކީ ހަމައެކަނި ތަޖުރިބާއިން ދަސްވާނެ ހުނަރެކެވެ.

5. އަވަހަށް ގޮތް ނިންމުން

ގޮތެއް ނުނިންމި ގިނައިރުވުމަކީ، ނިންމޭ ނުބައި ނިންމުމަކަށްވުރެ ބޮޑަށް އިންސާނާގެ ހަކަތަ ދުއްވާލާ ކަމެކެވެ. ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، އެންމެ ރަނގަޅު ގޮތް ނިންމައި، އެކަމަށް ފުރިހަމައަށް އިތުބާރު ކުރާށެވެ. ހާލަތު ބަދަލު ވެއްޖެނަމަ، ފަހުންވެސް މަގު ބަދަލު ކުރެވިދާނެ އެވެ.

6. ހިމޭންކަމަށް ލޯބިކުރުން

އަބަދު ފޯނަށް ނުވަތަ އެހެން ފޫހިފިލުވާ ވަސީލަތްތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ހިމޭން މާހައުލެއްގައި އަމިއްލަ ހިޔާލުތަކާއެކު ވަގުތު ހޭދަކުރަން ދަސްކުރާށެވެ. މިއީ ސިކުނޑި ސާފުވެ، އަމިއްލަ ނަފްސު ރަނގަޅަށް ދެނެގަނެވޭނެ ކަމެކެވެ.

7. އަމިއްލައަށް ކާމިޔާބީ ފާހަގަ ކުރުން

ތިމާ ހޯދާ ކޮންމެ ކާމިޔާބީއެއް އެހެން މީހުން ފާހަގަކޮށް، އަތްތިލަ ބަޑި ނުޖަހާފާނެ އެވެ. އެހެން މީހުންގެ ތައުރީފަށް އެދުމުގެ ބަދަލުގައި، އަމިއްލަ ކުރިއެރުންތަކަށް އަމިއްލައަށް އުފާކުރަން ދަސްކުރުމުން އަމިއްލަ ނަފްސަށް އިތުބާރު ލިބެ އެވެ.

8. އިސްނެގުމާއި އަމިއްލައަށް ދަސްކުރުން

އެހެން މީހަކު މަގު ދައްކާނެ ނުވަތަ ތިމާއަކީ ތައްޔާރުވެފައި ހުރި މީހެއްކަމަށް ބުނާނެ ވަގުތަކަށް އިންތިޒާރު ނުކުރާށެވެ. ފޮތް ކިޔައި، ސުވާލުކޮށް، އާ ހުނަރުތައް އަމިއްލައަށް ދަސްކުރަން ފަށާށެވެ. ކުރި އަރައިދާ މީހުންނަކީ ހުއްދައަކަށް ނުވަތަ ފުރުސަތަކަށް އިންތިޒާ ރުނުކޮށް ފުރަތަމަ ފިޔަވަޅު އަޅާ މީހުންނެވެ.

9. އެކަނިވެރިކަމަށްވުރެ "އެކަނި ހުރުމަށް" ލޯބިކުރުން

އެކަނި ވަގުތު ހޭދަ ކުރުމަކީ އެކަހެރިވެ މާޔޫސްވުމެއް ނޫނެވެ. އެއީ އެހެން މީހުންގެ ނުފޫޒެއް ނެތި އަމިއްލަ ނަފްސާ ގުޅުން ބަދަހި ކޮށްލަން ލިބޭ ފުރުސަތެކެވެ. އެކަނި ހުރުމުގައި ހިތްހަމަޖެހޭނަމަ، އެހެން މީހުންނާއެކު އޮންނަ ގުޅުންތައްވެސް ބިނާވާނީ ބަރޯސާވުމުގެ ބަދަލުގައި ހަގީގީ ލޯތްބާއި ގުޅުމުގެ މައްޗަށެވެ.

މި ހުނަރުތަކަކީ އެއްދުވަހުން ދަސްވާނެ ކަންކަމެއް ނޫނެވެ. މިއަށް ބޭނުންވަނީ ކެތްތެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ ހޭލުންތެރި ކަމެވެ. މިކަންކަން އާދަޔަކަށް ހެދި ވަރަކަށް ދިރިއުޅުމުގެ ހިތްހަމަޖެހުން އިތުރު ވެގެންދާނެ އެވެ.