އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓަށް ރައްޔިތުންގެ މަޖިލީހުން ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް އުނިކުރަން އުޅުމަކީ ޣައިރު ދުސްތޫރީ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބުމާއެކު އެ ލިސްޓު މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީ އެކުވެގެން ހަދާފައި އޮންނަ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވާފައިވާއިރު އެ ކޮމެޓީއިން މިލިސްޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތަށް އިޝާރާތްކުރައްވައި ޑރ. ޖަމީލު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ވަކި ނަންތަކެއް މަޖިލީހުން އުނިކުރަން އުޅުމަކީ ޣައިރު ދުސްތޫރީ ކަމެއް ކަމަށާއި ގާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު ވަކި ބަޔަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި މި ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސް ފޮނުވީ އެމައްސަލަ ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުންނެވެ.
އެ ކޮމިޝަނުން މި ލިސްޓު މަޖިލީހާ ހިއްސާކުރުމާއެކު ބުނެފައިވަނީ އެ ލިސްޓުގައިވާ ހުރިހާ ނަމަކީ ކުށް ސާބިތުވާ ފަދަ ނަންތަކެއް ނޫން ކަމަށެވެ. އެހެންކަމުން އަދި ތަހުގީގު ކުރިއަށްދާތީއާއެކު މި ލިސްޓު އާންމުކޮށްފި ނަމަ ތަހުގީގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުގެ އެދުމުގެ މަތިން އެ ލިސްޓު ސިއްރުކުރުމަށާއި، އެ ލިސްޓާ ގުޅިގެން ޖޮއިންޓް ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތައް ވެސް ސިއްރިއްޔާތުގައި ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމާފައިވެ އެވެ.
ޚިޔާނާތުގެ ލިސްޓު އައުމާއެކު 241 ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އިންނަވާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމްވަނީ އެ ލިސްޓާ ގުޅޭ ތަހުގީގުގައި ބައިވެރިވެވަޑައިގަތުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި ވިދާޅުވެ، ކޮމިޓީއާ ދުރަށް ޖެހިވަޑައިގެން އޭނާގެ ބަދަލުގައި ކޮމިޓީގައި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ހިމަނުއްވަން ހަމަޖައްސަވާފަ އެވެ.
ކޮޕީ ތަށި ބަންޑުންވެގެން 3 ނަމެއް ފޮހެވިއްޖެ. ސަޅި ދޯ.