މިދިޔަ އޭޕްރީލް މަހު އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކުގެ ތެރޭގައި، އީރާނުގެ އިސް މަޝްވަރާވެރިން އަވަހާރަކޮށްލުމަށް އިޒްރޭލުން ރާވަމުންދާކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާކަމަށް މީޑިއާތަކުން ފެތުރި ހަބަރުތައް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ކަށަވަރުކޮށްދެއްވައިފި އެވެ.
މި މަޝްވަރާތަކަކީ ޖޫން މަހުގެ 17 ވަނަ ދުވަހު ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ބިންގަލެވެ.
އަރަގްޗީ ވިދާޅުވި ގޮތުގައި، އެމެރިކާއާ އެކު ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅުމުގެ ގޮތުން، އީރާނުގެ މަންދޫބުން އަވަހާރަކޮށްލަން އިޒްރޭލުން މަސައްކަތްކޮށްފާނެ ކަމުގެ ބިރު އޮތްކަމަށް ވޮޝިންޓަނުން ގަބޫލުކުރެ އެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ޖޫން 17 ގައި ދެގައުމުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މިހާރު ދެގައުމުން ދަނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލައިގެން، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންނެވެ.
ނިއުޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭޕްރީލް މަހުގެ މަޝްވަރާތަކުގެ ތެރޭގައި އަރަގްޗީ އާއި މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފްގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވުމުން، ސަރަހައްދީ ގައުމުތައް މެދުވެރިކޮށް އެމެރިކާއިން ވަނީ އީރާނަށް އެކަން އަންގައިފަ އެވެ. 1980 ވަނަ އަހަރަށް ފަހު އެމެރިކާ އާއި އީރާނާ ދެމެދު ރަސްމީ ހާރިޖީ ގުޅުމެއް ނޯންނާތީ، މިފަދަ މުއާމަލާތްތައް އާންމުކޮށް ކުރަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްގެންނެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން މާޗު މަހު ރިޕޯޓްކުރި ގޮތުގައި، އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދިޔަ ހަމަލާތަކުގެ ތެރޭގައި، އަރަގްޗީ އާއި ގާލީބާފް އަވަހާރަކޮށްލުމަށް ކުރިން ރާވާފައި އޮތް ނަމަވެސް ފަހުން އެ ނިންމުން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފަ އެވެ.
ހުކުރު ދުވަހު އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަރަގްޗީ ވިދާޅުވީ، އެ ނުރައްކަލުގެ މައުލޫމާތު ކުރިންވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެނގިހުރެ ޕާކިސްތާނަށް ދަތުރުކުރެއްވީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، "އަހަރެމެންނަކީ އީރާނު މީހުން ކަމަށާއި، ގައުމަށްޓަކައި މަރުވާން ބިރުނުގަންނަ" ކަމަށެވެ. އަދި ފިނޑިން ހަމަލާދޭނީ ފުރަގަހުން ކަމަށާއި، އީރާނުން މަސައްކަތްކުރީ ސަރަހައްދީ ސުލްހައަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއުޔޯކް ޓައިމްސްއިން ބުނާ ގޮތުގައި، އެ ދުވަސްވަރު މަޝްވަރާވެރިންގެ ރައްކާތެރިކަމަށް އީރާނުން ވަނީ އާދަޔާ ހިލާފު ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ގާލީބާފް އިސްލާމްއާބާދަށް ކުރެއްވި ދަތުރުފުޅުގައި، ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާނުގެ ވަފުދަށް ސަލާމަތީ ހިމާޔަތް ފޯރުކޮށްދީފަ އެވެ. އަދި އެނބުރި ވަޑައިގަންނަވަނިކޮށް އިޒްރޭލުގެ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން، މަތިންދާބޯޓު މަޝްހަދުގައި ކުއްލި ހާލަތުގައި ޖައްސައި، އެތަނުން ތެހެރާނަށް ވަޑައިގަތީ ކާރުކޮޅެއްގަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު މި ހަމަނުޖެހުންތައް ފެށުނީ ފެބުރުވަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ތެހެރާނަށް ދިން ހަމަލާތަކެއްގައި އެގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީ އާއި އިސްވެރިންތަކެއް އަވަހާރަވުމާ ގުޅިގެންނެވެ.
އެމްޕަޔާ ސްޓޭޓަ ބިލްޑިންގެ އެންމެ އުހަށް އެރުމުން ހައްޔަރު ކޮށްފި
ހަނިމާދުއަށް ބައިނަލްއަގުވާމީ ފްލައިޓްތަކަށް ޖެއްސޭނެ: ފައްޔާޒު
ޔަމާލްގެ ޖާޒީ ކިޓުގައި އިތުރު ދެ ގައުމެއްގެ ދިދަ، ސަބަބަކީ ކޮބާ؟