މަގްބޫލު އެކްޓަރު އަބީޝެކް ބައްޗަން އަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އާއިލާއަށް ނިސްބަތްވާ ތަރިއަކަށް ވީ ނަމަވެސް، އޭނާގެ ފިލްމީ ކެރިއަރުގައިވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން ހާމަކޮށްފި އެވެ.

ބޮލީވުޑްގައި މަސައްކަތް ކުރާތާ 26 އަހަރު ފާހަގަ ކުރަން މި ފަހުން ދިން އިންޓަވިއުއެއްގައި އަބީޝެކް ވަނީ، މަސައްކަތް ނުލިބިދާނެތީ ކުރިން އޭނާގެ ހިތުގައި އޮތް ބިރުވެރިކަމާއި، ފިލްމުތައް އިހްތިޔާރު ކުރުމުގައި މިހާރު ގެންގުޅޭ ވިސްނުމާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

އަބީޝެކް ބުނި ގޮތުގައި، ކެރިއަރުގެ ކުރީކޮޅުގައި އަދި ވަކި ހިސާބަކުން ފިލްމުތައް ފްލޮޕް ވަމުންދިޔަ ދުވަސްވަރު، ދެން އިތުރު މަސައްކަތެއް ނުލިބިދާނެތީ އޭނާ ވަރަށް ބޮޑަށް ކަންބޮޑުވި އެވެ.

"އެއް އިރެއްގައި އަހަރެން ހުންނަނީ މަސައްކަތެއް ނުލިބިދާނެތީ ވަރަށް ބިރުން. އެހެންވެ، އެ ދުވަސްވަރު ކުރިމައްޗަށް އައި ކޮންމެ ފުރުސަތެއްގެ ބޭނުން އަހަރެން ހިފިން. ލިބުނު ކޮންމެ މަސައްކަތެއް ކުރިން،" އަބީޝެކް ބުންޏެވެ.

ނަމަވެސް، އުމުރުން ދުވަސްވެ ކެރިއަރުގައި ތަޖުރިބާ ލިބުމުން މިހާރު އެ ވިސްނުން ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ. މިހާރު ކޮންމެހެން ގިނަ ފިލްމުތަކެއް ކުޅުމުގެ ބަދަލުގައި، އޭނާ އިސްކަންދެނީ އަމިއްލަ ހިތްހަމަޖެހުމާއި ކޮލިޓީ އަށެވެ.

މިހާރު ފިލްމެއް އިހްތިޔާރުކުރަނީ ސްކްރިޕްޓްގެ ވަރުގަދަކަމަށާއި، ބެލުންތެރިންނަށް ކަމުދާނެ ފަދަ ތަފާތު ކެރެކްޓާތަކަށް ބަލާފައި ކަމަށް އަބީޝެކް ބުންޏެވެ.

އޭނާ ދެކޭގޮތުގައި އެކްޓަރެއްގެ ހަޔާތުގައި ކޮންމެ ސިފައެއްގެ ދުވަސްވަރެއް އައި ނަމަވެސް، އަމިއްލަ މަސައްކަތަށް ކުރާ އިތުބާރު ދޫކޮށްލައިގެން ނުވާނެ އެވެ.

އެއާއެކު ބައްޗަން އާއިލާއަށް ނިސްބަތްވީތީ ފލްމީ ޕްރޮޑިއުސަރުންނާއި ޑެއިރެކްޓަރުންގެ އިތުރުން ބެލުންތެރިން ވެސް އޭނާގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ފެންނަން އުއްމީދު ކުރާތީ އެ ޕްރެޝަރު ވެސް ލިބޭ ކަމަށް އަބީޝޭކް ބުންޏެވެ.

އަމީތާބް ބައްޗަންގެ ދަރިއަކަށްވުމުން ބޮލީވުޑަށް ވަނުން ފަސޭހަވި ނަމަވެސް، ދާއިރާގައި ދެމިހުރުމަކީ ހަމައެކަނި އަމިއްލަ ހުނަރާއި ބުރަ މަސައްކަތުން ކުރަންޖެހޭ ކަމެއްކަން އަބީޝެކްގެ މި ވާހަކަތަކުން އެނގިގެންދެ އެވެ.