މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއާއި އެމެރިކަން ފުޓްބޯޅަ ތަރި ޓްރެވިސް ކެލްސީގެ ކައިވެނީގެ ހަފުލާތައް ބޭއްވުމަށް ހަމަޖެހިފައިވާ ނިއުޔޯކްގެ މެޑިސަން ސްކޮއާ ގާޑަންގެ ބޭރުގައި އެމެރިކާގެ އަސްކަރީ ބާރެއް ކަމަށްވާ ނޭޝަނަލް ގާޑުން ހަރަކާތްތެރި ވަމުންދާ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިއްޖެ އެވެ.

އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުންދާ މި ބޮޑު ކައިވެނީގެ ކުރިން، އަންގާރަ ދުވަހުގެ ރޭ އެމްއެސްޖީ ކައިރިއަށް ގިނަ އަދަދެއްގެ ނޭޝަނަލް ގާޑުގެ ސިފައިން އައިސް، އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ނިއުޔޯކްގެ ފުލުހުންނާއި ނޭޝަނަލް ގާޑުގެ އިސްވެރިން އެމްއެސްޖީ ބޭރުގައި ބޮޑު ބައްދަލުވުމެއް ބާއްވާފައިވެ އެވެ. މިއާއެކު މިއީ ޓޭލާގެ ކައިވެންޏަށް އަޅަމުންދާ ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

ނަމަވެސް، ނޭޝަނަލް ގާޑުގެ ތަރުޖަމާނަކު ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ހާމަކުރި ގޮތުގައި މިއީ ނިއުޔޯކް ސިޓީގައި ދުވާލެއްގެ މައްޗަށް ހަރަކާތްތެރިވާ 1,000 އެއްހާ ސިފައިންގެ އާންމު އޮޕަރޭޝަންތަކުގެ ބައެކެވެ. އަދި މި ހަރަކާތްތަކާ ޓޭލާގެ ކައިވެންޏާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ރަސްމީކޮށް ކައިވެނީގެ ޚަބަރު ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އެމްއެސްޖީގައި ކުރިއަށްދާ ބޮޑެތި ތައްޔާރީތަކުން މިއީ ވަރަށް ވަރުގަދަ ހަފުލާއެއްކަން އެނގެ އެވެ. ރިޕޯޓްތައް ބުނާގޮތުން:

  • މެހުމާނުން: 1,100 އާއި 1,200 އާ ދެމެދުގެ އަދަދަކަށް މެހުމާނުންނަށް ވަނީ ދައުވަތު ދީފަ އެވެ
  • .ސިއްރު ހިފެހެއްޓުން: ހަފުލާއަށްދާ ހުރިހާ މެހުމާނުންނާއި މުވައްޒަފުން ލައްވައި ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރުވާނެ ކަމަށް ބެލެވެ އެވެ.
  • އިލެކްޓްރޯނިކް ދައުވަތު: ކައިވެނީގެ މައުލޫމާތު ލީކުވުން ހުއްޓުވުމަށްޓަކައި ދައުވަތު ކާޑުތައް ފޮނުވާފައިވަނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށެވެ.

މީގެ އިތުރުން ހޯލަށް ވަދެ ނުކުމެވޭނެ ދޮރުތައް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ސަރަހައްދުގެ ސެކިއުރިޓީ މިހާރުވެސް ވަނީ މަތީ ދަރަޖައަކަށް މަތިކޮށްފަ އެވެ.