ސްމާޓްފޯނަކީ މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެކެވެ. ގިނަ ފަހަރަށް ފޯނު އޮންނަނީ އަޅުގަނޑުމެންގެ ހަށިގަނޑާ ވަރަށް ކައިރީގަ އެވެ. ޖީބުގައި، އަތުގައި ނުވަތަ ނިދާއިރު ބޯދަށުގަ އެވެ.
މިއާއެކު ގިނަ ބައެއްގެ ހިތުގައި އުފެދޭ ބޮޑު ސުވާލަކީ ފޯނުން ފޮނުވައިދޭ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ވޭތޯ އުފެދޭ ސުވާލެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން، އިންޑިއާގެ "އެސް.އެސް.އޯ ކެންސަރު ހޮސްޕިޓަލް" ގެ ހެޑް އެންޑް ނެކް ސާޖިކަލް އޮންކޮލޮޖިސްޓް (ކެންސަރުގެ ޚާއްސަ ޑޮކްޓަރު) ޑރ. އަމިތު ޗަކްރަބޯތީ ވަނީ ހިންދުސްތާން ޓައިމްސްއަށް މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފަ އެވެ.
ދެ ބާވަތެއްގެ ރޭޑިއޭޝަން: ފޯނުން އަންނަނީ ކޮން ކަހަލަ ރޭޑިއޭޝަނެއް؟
ޑރ. އަމިތު ވިދާޅުވި ގޮތުގައި މޮބައިލް ފޯނުން ރޭޑިއޭޝަން ބޭރުވާކަމީ ތެދެކެވެ. ނަމަވެސް، ރޭޑިއޭޝަނުގެ ބާވަތް ދެނެގަތުން ވަރަށް މުހިންމެވެ. ރޭޑިއޭޝަން މައިގަނޑު ދެ ބަޔަކަށް ބެހިގެންވެ އެވެ
- އަޔޮނައިޒިން ރޭޑިއޭޝަން: މިއީ އެކްސް-ރޭ އަދި ގާމާ-ރޭ ފަދަ ނުރައްކާތެރި ރޭޑިއޭޝަނެވެ. މީގެ ސަބަބުން އިންސާނާގެ ޑީ.އެން.އޭއަށް ގެއްލުންވެ، ކެންސަރު އުފެދުމަށް މަގުފަހިވެ އެވެ.
- ނޮން-އަޔޮނައިޒިން ރޭޑިއޭޝަން: މޮބައިލް ފޯނުތަކުން ބޭރުވަނީ މި ބާވަތުގެ ރޭޑިއޯ ފްރީކުއެންސީ ހަކަތަ އެވެ. މިއީ ވަރަށް ބަލިކަށި ރޭޑިއޭޝަނެކެވެ. މިއަށް އިންސާނާގެ ޑީ.އެން.އޭ އަށް ބަދަލުގަނެ، ގެއްލުން ދިނުމުގެ ބާރު ލިބިގެނެއް ނުވެ އެވެ.
.ދިރާސާތަކުން ދައްކަނީ ކީކޭ؟
ދުނިޔޭގެ އެކި ކޮޅުތަކުގައި އެތައް ހާސް ބަޔަކު ހިމަނައިގެން ކޮށްފައިވާ ބޮޑެތި ސައިންޓިފިކް ދިރާސާތަކުންނާއި، ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުގެ ހޯދުންތަކުން ދައްކާގޮތުގައި، މޮބައިލް ފޯނު ބޭނުން ކުރުމާއި ސިކުނޑީގެ ކެންސަރު ނުވަތަ އެހެންވެސް އާންމު ކެންސަރަކާ ސީދާ ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
2G އިން ފެށިގެން 5G އާ ހަމައަށް ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު، މީގެ ދިގު މުއްދަތުގެ އަސަރުތައް ބެލުމަށް ސައިންސްވެރިން އަދިވެސް ދަނީ ހޯދުންތައް ހޯދަމުންނެވެ. ނަމަވެސް މިހާތަނަށް ފޯނު ބޭނުންކޮށްގެން ކެންސަރު ޖެހޭކަމުގެ ސާބިތު ހެކިވަރެއް ލިބިފައެއް ނުވެ އެވެ.
ފޯނުގެ ރޭޑިއޭޝަނާ މެދު އަދިވެސް ކަންބޮޑު ވާނަމަ، ހިތްހަމަޖެހުން ހޯދުމަށްޓަކައި ޑޮކްޓަރު ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ލަފާ ދެއްވަ އެވެ.
- ފޯނުން ވާހަކަދައްކާއިރު ސްޕީކަރަށްލުން ނުވަތަ ހެޑްފޯން/އިއަރފޯން ބޭނުންކުރުން.
- ބޭކާރު ގޮތުގައި ފޯނުގެ ސްކްރީން ބަލާ ވަގުތު މަދު ކުރުން.
- ނިދާއިރު ފޯނު ބޯދަށުގައި ބޭއްވުމުގެ ބަދަލުގައި ތަންކޮޅެއް ދުރުގައި ބޭއްވުން.
ހަގީގީ ނުރައްކާ އޮތީ ކޮން ކަންކަމެއްގައި؟
ޑރ. އަމިތު ޗަކްރަބޯތީ ވިދާޅުވި ގޮތުގައި ގިނަ މީހުން ކަންބޮޑުވަނީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކަންކަމާ މެދުގަ އެވެ. ނަމަވެސް، ކެންސަރު ޖެހުމަށް ސީދާ މަގުފަހިވާކަން ސާބިތުވެފައިވާ ހަގީގީ ކަންކަމަށް ސަމާލުކަމެއް ނުދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ
- ދުންފަތުގެ އިސްތިއުމާލުކުރުން
- މިނަށްވުރެ ބޮޑަށް ފަލަވުން
- އެކި ބާވަތްތަކުގެ ބަނގުރާ ބުއިން
- ކަސްރަތު ނުކުރުން
- ގަވާއިދުން ހަދަންޖެހޭ ސިއްހީ ސްކްރީނިންގްތައް ނުހެދުން
ކުރުކޮށް ބުނާނަމަ ކޮންމެ ދުވަހަކު ސްމާޓްފޯން ބޭނުން ކުރުމަކީ ކެންސަރު ޖެހޭނެ ކަމެއްކަން ދައްކުވައިދޭ އެއްވެސް ސައިންޓިފިކް ހެއްކެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެހެންކަމުން ބިރުގަތުމުގެ ބަދަލުގައި، ސިއްހަތަށް ފައިދާހުރި އާދަތަކަށް އިސްކަންދިނުން މާ މުހިއްމެވެ.
ގިނައިރު ކޮޅަށް ހުންނަންޖެހޭ ވަޒީފާތަކުން މައިބަދައަށް ގެއްލުން!
ޕީޖީން އަންގާ މައްސަލަތައް އޭސީސީން އަވަސް ކުރަނީ
ކޭންގެ ރެކޯޑާއެކު ޕެނަމާ އަތުން މޮޅުވެއްޖެ