ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ރޯހިތު ޝެޓީއަށް އަނެއްކާވެސް މަރުގެ ނުރައްކާތެރި އިންޒާރެއް ލިބިއްޖެ އެވެ. މިއީ ފާއިތުވި މަދު މަސްތަކެއްގެ ތެރޭގައި އޭނާއަށް މިފަދަ އިންޒާރެއް ލިބުނު ދެވަނަ ފަހަރެވެ.
މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު (27 ޖޫން) ރޯހިތު ޝެޓީގެ މުމްބާއީގައި ހުންނަ އޮފީހަށް ގޮތް ނޭނގޭ މީހަކު ގުޅައި، 20 ކްރޯޑް ރުޕީސް (200 މިލިއަން ރުޕީސް) ދިނުމަށް ވަނީ ޑިމާންޑް ކޮށްފަ އެވެ. އަދި އެ ފައިސާ ނުދީފިނަމަ ހިތާމަވެރި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރުވެސް އެ ކޯލުގައި ދީފައިވެ އެވެ.
މި ކޯލް ލިބުމާއެކު ރޯހިތު ޝެޓީގެ ޓީމުން ވަނީ ލަސްނުކޮށް މުމްބާއީ ފުލުހަށް މައްސަލަ ހުށަހަޅާ ފައެވެ. ފުލުހުން މިހާރު ދަނީ ފޯނު ރެކޯޑްތަކާއި ޓެކްނިކަލް ސަވައިލަންސް ބޭނުން ކޮށްގެން އެ ކޯލް އައީ ކޮންތާކުންތޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ރަސްމީކޮށް ވަކި ފަރާތެއްގެ ނަން ހާމަނުކުރި ނަމަވެސް، މި ހަމަލާގެ ފަހަތުގައި ވަނީ މަޝްހޫރު ކުށްވެރިޔާ ލޯރެންސް ބިޝްނޯއީގެ ގޭންގު ކަމަށް ބޮޑަށް ބެލެވޭ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
ބޮލީވުޑްގެ ތަރިންގެ އަތުން ފައިސާ ފޭރުމާއި ބިރުދެއްކުމުގައި ބިޝްނޯއީ ގޭންގުގެ ނަން މީގެ ކުރިންވެސް ވަނީ އެތައް ފަހަރަކު ފެންމަތިވެފަ އެވެ. މިފަހަރު އިންޒާރު ދިން ގޮތާއި ޑިމާންޑްކުރި ބޮޑު އަދަދަށް ބަލާއިރު، މިއީ އެ ގޭންގުގެ އަމަލުތަކާ ދާދި އެއްގޮތް ކަމެއް ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނެ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ރޯހިތު ޝެޓީގެ ޖޫހޫގައި ހުންނަގޭގެ ބޭރަށް ބަޑީގެ ހަމަލާތަކެއް ދީފައިވެ އެވެ. އެ ފަހަރު ރޯހިތު ޝެޓީގެ އިތުރުން އެކްޓަރު ރަންވީރު ސިންގްއަށްވެސް ފައިސާއަށް އެދި ބިރުދެއްކުމުގެ މެސެޖުތަކެއް ލިބިފައިވާއިރު، އެ މެސެޖުތަކުގައި ބިޝްނޯއީ ގޭންގުގެ ނަން ސީދާ ބޭނުން ކޮށްފައިވެ އެވެ.
އެ މައްސަލާގައި ފުލުހުން 15 މީހަކު ހައްޔަރުކުރި ނަމަވެސް، ރޯހިތު ޝެޓީއަށް އޮތް ނުރައްކާ އަދިވެސް ކުޑަނުވާކަން މި ފަހަރުގެ އިންޒާރުން ހާމަވެ އެވެ.
އަލަށް ލިބުނު މި އިންޒާރާ ގުޅިގެން ރޯހިތު ޝެޓީގެ ގެއާއި އޮފީސް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ފުލުހުން ވަނީ ކުރިއަށްވުރެ ވަރުގަދަ ކޮށްފަ އެވެ.
އޭނާގެ އަމިއްލަ ސެކިއުރިޓީ އިތުރުކޮށް، ސީސީޓީވީ ކެމެރާތަކުން ބެލެހެއްޓުމާއި، އޭނާ އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތަކުގައި ފުލުހުން ފޯރިމަރާ މިންވަރު މިހާރު ވަނީ އިތުރު ކޮށްފަ އެވެ.
ހަމަލާތައް ހުއްޓާލައި މަޝްވަރާތައް އަލުން ފަށަން ތައްޔާރުވެއްޖެ
ޕީޖީން އަންގާ މައްސަލަތައް އަަވަސްކުރެވޭ ގޮތް އޭސީސީން ހަދައިފި