އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބާރުމިނާއި، ސްކްރީންތަކަށް ދެވިހިފާފައިވާ މިންވަރު ހުރި ގޮތުން، އެންމެ ފުރަތަމަ ގުރުބާން ކޮށްލަން ޖެހެނީ ރޭގަނޑުގެ ހަމަ ނިންޖެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މަދުން ނިދުމަކީ ހަމައެކަނި ޖެހިގެން އަންނަ ދުވަހު ވަރުބަލިކަން އިހުސާސްވާ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް، ފަހުގެ ސައިންސީ ދިރާސާތަކުން ދައްކާ ގޮތުގައި ނިދި މަދުވުމާއި، ނިދުމުގެ އާދަތައް ތަރުތީބެއް ނެތި ދިއުމަކީ ސިކުނޑީގެ ދިގު މުއްދަތުގެ ދުޅަހެޔޮ ކަމަށް ހީވެސް ނުކުރާ ފަދަ ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ވަކިން ހާއްސަކޮށް، މިއީ ހަނދާން ނެތޭ ބަލި ނުވަތަ "ޑިމެންޝިއާ" ޖެހުމުގެ ފުރުސަތު ބޮޑު ކޮށްދޭ މައިގަނޑު އެއް ސަބަބެވެ.

ސައިންސްގެ ހޯދުންތަކުން ސާބިތު ވެފައިވާ ގޮތުގައި، ނިދުމުގެ ފެންވަރު ދަށްވުމާއި ސިކުނޑީގެ މަސައްކަތްތައް ހީނަރުވުމާ ސީދާ ގުޅުމެއްވެ އެވެ.

މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް އޮތް ނުރައްކަލެއް ނޫނެވެ. ޒުވާން އުމުރުގައި ނިދުމުގެ އާދަތައް ހުންނަ ގޮތަކުން، ފަހުގެ އުމުރުގައި ސިކުނޑީގެ ބަލިތަކަށް މަގުފަހިވެ އެވެ.

ނިދި މަދުވުމުން ސިކުނޑިއަށް ވަނީ ކިހިނެއް؟

އަޅުގަނޑުމެން ނިދާފައި ތިބޭ ވަގުތަކީ ސިކުނޑި "ސާފުކުރާ" ވަގުތެވެ. ނިދުން މަދުވާނަމަ ސިކުނޑިއަށް ތިރީގައިވާ މުހިންމު ބަދަލުތައް އާދެ އެވެ.

  • ވިހަ މާއްދާތައް ސާފުކުރުން ހުއްޓުމަކަށް އައުން: އަޅުގަނޑުމެން އަރާމު ނިިންޖަކުން ނިދާފައި އޮންނައިރު، ސިކުނޑީގައި ހުންނަ ބޭކާރު އަދި ވިހަ މާއްދާތައް (ވަކިން ހާއްސަކޮށް އެލްޒައިމާސް ބައްޔަށް މަގުފަހިކުރާ ބީޓާ-އެމިލޮއިޑް ޕްރޮޓީން) ސިކުނޑިން ބޭރުކޮށް ސާފުކޮށްދެ އެވެ. ނިދި މަދުވުމުން މި މާއްދާތައް ސިކުނޑީގައި ޖަމާވެ، ނާރުތަކަށް ގެއްލުންދެ އެވެ.
  • ހަނދާންތައް ރައްކާ ކުރުމަށް ހުރަސް އެޅުން: ދުވާލުގެ ވަގުތުތަކުގައި ލިބޭ މައުލޫމާތާއި ހަނދާންތައް، ސިކުނޑީގެ ދާއިމީ ހަޒާނާއަށް ބަދަލު ކޮށްދެނީ ރޭގަނޑުގެ ފުން ނިދީގެ ތެރޭގަ އެވެ. ނިދި ހަމަނުވާނަމަ ހަނދާންގަދަ ކުރުމާއި، އާ އެއްޗެހި ދަސް ކުރުމަށް އުނދަގޫވެ އެވެ.
  • ސިކުނޑީގެ ސެލްތައް ދުޅަވުން: ދިގު މުއްދަތަކަށް ނިދި މަދުވުމަކީ ސިކުނޑީގެ ސެލްތަކުގައި އިންފްލެމޭޝަން (ދުޅަވުން) އުފައްދާ ކަމެކެވެ. މީގެ ސަބަބުން ސިކުނޑީގެ މަސައްކަތްތައް އަވަހަށް މުސްކުޅިވާން ފަށަ އެވެ.

ގޯސް ނިދުމުގެ އާދަތަކުގެ އަލާމާތްތައް

ބައެއް ފަހަރު އަޅުގަނޑުމެންނަށް ނިދޭ ކަމަށް ހީވިޔަސް، ނިދުމުގެ ފެންވަރު ހުންނަނީ ދަށް ކޮށެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި

  • ރޭގަނޑު ތަކުރާރުކޮށް ހޭލެވުން ނުވަތަ އަލުން ނިދަން އުނދަގޫވުން.
  • ހެނދުނު ހޭލާއިރުވެސް ވަރުބަލިކަން އިހުސާސްވުން.
  • ދުވާލު ގަޑީގައި އާދަޔާ ހިލާފަށް ނިދި އައުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން.
  • މޫޑު ގޯސްވުމާއި، އަވަހަށް ރުޅިއައުން

.ސިކުނޑި ރައްކާތެރިކުރުމަށް ނިދުމުގެ އާދަތައް ބަދަލުކުރާނީ ކިހިނެއް؟

ޑިމެންޝިއާ ފަދަ ނުރައްކާތެރި ބަލިތަކުން ސިކުނޑި ސަލާމަތްކުރުމަށްޓަކައި، މިއަދުން ފެށިގެންވެސް ނިދުމުގެ އާދަތަކަށް ހެޔޮ ބަދަލެއް ގެންނަންޖެހެ އެވެ.

  • ނިދާނެ ވަގުތުތަކެއް ކަނޑައެޅުން: ކޮންމެ ދުވަހަކުވެސް (ބަންދު ދުވަސްތައް ހިމަނައިގެން) އެއް ގަޑިއަކަށް ނިދަން އޮށޯތުމާއި އެއް ގަޑިއަކަށް ހޭލުން އާދަކުރާށެވެ. މިއީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި ހަމަޔަކަށް އަޅުވައިދޭނެ ކަމެކެވެ.
  • ސްކްރީންތަކާ ދުރުވުން: ނިދުމުގެ މަދުވެގެން އެއް ގަޑިއިރު ކުރިން ފޯނު، ޓީވީ އަދި ކޮމްޕިއުޓަރު ބޭނުންކުރުން ހުއްޓާލާށެވެ. މި ތަކެތިން ނުކުންނަ ނޫއަލީގެ ސަބަބުން ނިދަން އެހީތެރިވެދޭ ހޯމޯން މެލެޓޮނިން އުފެއްދުން މަދުކޮށްދެ އެވެ.
  • ކެފެއިން އާއި ބަރު ކެއުންތަކާ ދުރުވުން: ހަވީރުގެ ވަގުތުތަކަށްފަހު ކޮފީ ނުވަތަ ހަކުރު ގިނަ ބުއިންތައް ބުއިން ހުއްޓާލާށެވެ. ނިދުމުގެ ކުރިން ބަރުކޮށް ކެއުމަކީ ނިދުމަށް ހުރަސް އެޅޭނެ ކަމެކެވެ.
  • އަނދިރި އަދި ފިނި މާހައުލެއް ތައްޔާރު ކުރުން: ނިދާ ކޮޓަރިއަކީ އަނދިރި، ހިމޭން އަދި އަރާމު ފިނިހޫނުމިނެއް ހުރި ތަނަކަށް ހަދާށެވެ.

ކޮންމެ ބޮޑުމީހަކަށް ރެއަކާދުވާލު 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވެ އެވެ. މިއަދު ތިޔަ ގެއްލުވާލާ ހަމަ ނިދީގެ އަގު މާދަމާ ދޭންޖެހެނީ އަމިއްލަ ހަނދާންތަކުންނެވެ. އެހެންކަމުން، ސިއްހަތު ސަލާމަތުން ހުރިއިރު ނިދުމަށް އިސްކަންދީ، ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓާށެވެ.