ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން، ހުކުރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ހަމަލާދީފި އެވެ.
މި ދެ ގައުމުން ވެސް ދަނީ މިދިޔަ ހަފުތާގައި އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އަނެއް ފަރާތުން ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ މިސައިލާއި ޑްރޯން ރައްކާކުރާ ތަންތަނަށާއި އައްސޭރިފަށުގެ ރޭޑާ ސައިޓުތަކަށް ހަމަލާދީފަ އެވެ. ފަހުން އެމެރިކާއިން ވަނީ ގޮވުމެއް ފެންނަ ކަޅާއި ހުދު ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފަ އެވެ.
އީރާނުން ބުނި ގޮތުގައި އެ ގައުމުގެ ދެކުނުގައި އޮންނަ ސިރިކް ބަނދަރު ކައިރިއަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށާއި، އޭގެ ރައްދުގައި އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަނީ ހަމަލާދީފަ އެވެ. ނަމަވެސް، އީރާނުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފުސީލެއް ތެހެރާނުން ހާމައެއް ނުކުރެ އެވެ.
މި ހަމަލާތައް މިހެން ހުރި ނަމަވެސް، ހަތަރު މަސް ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމަ ނިމުމަކަށް އައުމުގެ ނިޝާންތަކެއް އެހެން ދިމަދިމާލުން ފެންނަން އެބަހުއްޓެވެ. އެގޮތުން، އިޒްރޭލާއި ލުބުނާނާ ދެމެދު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ އިޒްރޭލާއި އީރާނުގެ މަދަދުލިބޭ ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ދެ ފަރާތުން ވެސް ސިފަކުރެ އެވެ. މި އެއްބަސްވުމުގެ ދަށުން ހިޒްބުﷲގެ ހަތިޔާރު އަތުލުމަށާއި އިޒްރޭލް ސިފައިން ލުބުނާނުން ފޭބުމަށް ގޮވާލާފައިވީ ނަމަވެސް، މިކަން ތަންފީޒުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. އަދި ހިޒްބުﷲ އިން ވަނީ މިކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފަ އެވެ.
އެމެރިކާއިން ބުނަނީ އަނިޔާވެރި ކަމަށް ރައްދު ދޭނީ އަނިޔާވެރިކަމުން ކަމަށް
އޮމާންގެ އައްސޭރިފަށުން ދަތުރުކުރި މުދާ އުފުލާ ބޯޓަށް ބުރާސްފަތި ދުވަހު ދިން ހަމަލާއަށްފަހު، ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާނީ އީރާނުން ކަމަށާއި، ވޮޝިންޓަނާ ބައިވެރި ނުވުމަށް ގަލްފުގެ ގައުމުތަކަށް ތެހެރާނުން ވަނީ އިންޒާރު ދީފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުއްވައި، މިއީ މިދިޔަ ހަފުތާގެ އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާނުން އާންމު މުދާ އުފުލާ ބޯޓުތަކަށް ދޭ ހަމަލާތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ސާފުކޮށް ހިލާފު ކަމެއް ކަމަށެވެ. އަދި އެމެރިކާއިން ދިން ހަމަލާތަކަކީ އިއްޔެގެ ހަމަލާއަށް ދެވުނު ވަރުގަދަ ރައްދެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ކަނޑުއޮޅިން ދަތުރުކުރާ އާންމު ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އިހުތިރާމްކޮށްފައިވާ ކަމަށެވެ.
"އީރާނުން އެއްބަސްވުމެއްގައި ސޮއިކުރި. އަޅުގަނޑުމެން އެއަށް އަމަލުކުރިން. އެ އެއްބަސްވުން ތަންފީޒުކުރާ ގޮތާ މެދު ހިތްހަމަނުޖެހުމެއް އޮތް ނަމަ ފޯނުން ގުޅައިގެން ވާހަކަދެއްކޭނެ. އެކަމަކު އަނިޔާވެރިކަމަށް ރައްދުދޭނީ އަނިޔާވެރިކަމުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވޭންސް ވިދާޅުވި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިރިކް ބަނދަރު ސަރަހައްދުން ގޮވުމުގެ އަޑު އިވިފައިވެ އެވެ. އަދި އޭގެ ފަސް ގަޑިއިރު ކުރިން، ކަނޑުއޮޅީގެ ގަވާއިދުތަކާ ހިލާފުވި ބޯޓުތަކަކަށް އިންޒާރުގެ ގޮތުން ބައެއް ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް އީރާނުން ބުނެއެވެ. ނަމަވެސް، އީރާނުގެ އޮފިޝަލުން ފަހުން ވިދާޅުވެފައިވަނީ އެމެރިކާގެ ހަމަލާއިން ބަނދަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ބަނދަރުގެ މަސައްކަތްތައް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނި ގޮތުގައި، އެމެރިކާގެ "ޓެރަރިސްޓް" ސިފައިން ގާއިމުވެ ތިބި ތަންތަނަށް އީރާނުން ވަނީ ހަމަލާދީފަ އެވެ. އަދި އިތުރަށް އެމެރިކާއިން ހަމަލާއެއް ދީފި ނަމަ، މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވެސް ވަނީ އިންޒާރު ދީފަ އެވެ.
ތެލުގެ އަގު ދަށްވުން
މި އާ ހަމަނުޖެހުންތައް ފެށުމުގެ ކުރިން، ހުކުރު ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިން ޕަސެންޓް ދަށްވެފައިވެ އެވެ. މިއީ ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރަން ފެށުމާ ގުޅިގެން އައި ބަދަލެކެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ކުރެވެނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
ސައުދީ އަރަމްކޯއިން ވެސް ވަނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ތެޔޮ ބޭރުކުރަން ފަށާފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގަލްފުގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި، ކަނޑުއޮޅީގައި އެއްވެސް ހުރަހެއް ނެތި މިނިވަންކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު އޮންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އީރާނުގެ ހާރިޖީ ވުޒާރާއިން ބުނަމުންދަނީ އެ ކަނޑުއޮޅި ބަލަހައްޓަންވާނީ އީރާނާއި އޮމާނުން ކަމަށެވެ.
އީރާނުގެ އެންމެ މަތީ ލީޑަރުގެ މުޝީރު އަލީ އަކްބަރު ވެލަޔާތީ ވަނީ، ގަލްފުގެ ގައުމުތަކުގެ ސަލާމަތްތެރިކަން ބިނާވެފައި ވަނީ އީރާނުން އެ ގައުމުތަކަށް ދޭ ލުޔެއްގެ މައްޗަށް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް ތާރީހު ހާމަކޮށްފި
އައިވަރީ ކޯސްޓް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް