ލުބުނާނަށް އިޒްރޭލުން ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން ނިންމައިފި ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، ދެކުނު ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ އެމެރިކާއާއެކު އީރާނުން ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. މިކަމުގެ ރައްދުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ހާތަމް އަލް-އަންބިޔާ މައިމަރުކަޒުގެ ބަޔާނެއްގައި ބުނެފައިވަނީ، އުޅަނދުފަހަރު ދަތުރުކުރުމަށް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާކަން އިއުލާން ކުރާ ކަމަށެވެ. އަދި މިއީ ދުޝްމަނުން ވީ ވައުދުތަކާ ހިލާފުވުމުގެ ސަބަބުން އެޅި ފުރަތަމަ ފިޔަވަޅު ކަމަށާއި، އިޒްރޭލުގެ މި އުދުވާނުތައް ހުއްޓާނުލައި ކުރިއަށްގެންދާ ނަމަ، އެ ފަރާތްތަކުން އެއްބަސްވުންތަކަށް ބޯލަނބަން މަޖުބޫރުކުރުވުމަށްޓަކައި އިތުރު ވަރުގަދަ ފިޔަވަޅުތައް ރާވައި، އަމަލީ ސިފަ ގެންނާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ދީފައިވެއެވެ.
އެމެރިކާގެ ވަފުދުތަކާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އިތުރުން ގަލްފުގެ ބައެއް ގައުމުތަކުގެ މަންދޫބުން ދަނީ އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާއަށް ސްވިޒަލޭންޑަށް ޖަމާވަމުންނެވެ.
ނަމަވެސް އީރާނުގެ ހާރިޖީ ވަޒީރުގެ ނައިބު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޮޝިންޓަނާއެކު ހާރިޖީ ގޮތުން ކުރިއަށްދާން ތެހެރާން އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ އުސޫލުތަކަށް އިޒްރޭލުން ފުރިހަމައަށް ބޯލަނބާނެކަން އެމެރިކާއިން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ވޯލްޑް ކަޕް: ފޯރިގަދަ ލަވަތަކުގެ ތެރެއިން ގަދަ 10!
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު