މާލޭގެ މޭޔަރު އާދަމް އާޒިމް ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވާ ކަމަށް ތުހުމަތުކުރައްވައި، މާލޭ ސިޓީ ކައުންސިލާއެކު ދެން މުއާމަލާތް ކުރައްވާނީ ހަމައެކަނި ލިޔެކިޔުމުން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް އަންގަވައިފި އެވެ.

މި ނިންމެވުން އައިސްފައިވަނީ، މާލޭގެ މައްސަލަތަކާ ގުޅިގެން މަޝްވަރާކުރުމަށް މިނިސްޓަރާ ބައްދަލުނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ، މޭޔަރު އާޒިމާއި ކައުންސިލަރުން ހައުސިން މިނިސްޓްރީއަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ. އެ ދުވަހު މިނިސްޓަރު ބުރަކޮށް އުޅުއްވާތީ ބައްދަލު ނުކުރެވުނު ނަމަވެސް، ފަހުން ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް މިނިސްޓްރީން އޮތީ އަންގާފަ އެވެ.

ނަމަވެސް ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މޭޔަރު ވަނީ، ކައުންސިލާ މިނިސްޓަރު ބައްދަލު ނުކުރައްވާނެކަން އަންގައި ފޮނުއްވި ސިޓީއެއް އިއްވަވާފަ އެވެ. އެ ސިޓީގައި މިނިސްޓަރު ވަނީ، ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމަށް ކައުންސިލުގެ އެއްބާރުލުން ނުލިބޭކަމަށާއި، އަދި މޭޔަރު ދައްކަވާ ވާހަކަތަކުގެ ސަބަބުން ހަގީގަތް އޮޅޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެހެންކަމުން ދެފަރާތުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ ލިޔުމުން މުއާމަލާތް ކުރުން ކަމަށް އެ ސިޓީގައިވެ އެވެ.

މިނިސްޓަރުގެ ތުހުމަތުތައް ދޮގުކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، މިހާތަނަށް މިނިސްޓަރު މުއްތަލިބާއެކު އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި، އަނގަބަހުންނާއި ފޯނުން ވެސް އެފަދަ މުއާމަލާތެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު ނުހެއްދެވުމަށް މިނިސްޓަރަށް ގޮވާލައްވައި، މޭޔަރު ވަނީ ލިޔެކިޔުމުން ފޮނުވާ ކަންކަމަށްވެސް މިނިސްޓްރީން ޖަވާބުނުދޭކަން ފާހަގަކުރައްވާފަ އެވެ.