މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާތީ، އިގްތިސާދީ ކުރިއެރުން (ޑީޖީޕީ) މިއަހަރު އެއް ޕަސެންޓަށް ދަށްވާނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފްގެ ވަފުދަކުން މި އަހަރު ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު ނެރުނު ވަގުތީ ރިޕޯޓުގައި ބުނެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓޫރިޒަމްގެ ހަރަކާތްތައް މަޑުޖެހުމާއި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ގާތްގަނޑަކަށް އެއް ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، 2027 ވަނަ އަހަރު އިގްތިސާދު އަލުން އިއާދަވާން ފަށައި، މެދު ރާސްތާގައި އިގްތިސާދީ ކުރިއެރުން ގާތްގަނޑަކަށް ހަތަރު ޕަސެންޓްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އައިއެމްއެފް އިން އިތުރަށް ބުނީ މުހިންމު ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި މާލީ އެއްބަސްވުންތައް އެކުލަވައިލުމަކީ، ރާއްޖޭގެ އިގްތިސާދު ބަރޯސާވާ ދާއިރާތައް ފުޅާކުރުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށެވެ. މީގެ އިތުރުން، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ގަވަނަންސް ރަނގަޅު ކުރުމާއި، ވިޔަފާރި ކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ކުރެވޭ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބާރަކަށް ވާނެ ކަމަށެވެ.
އެ އިދާރާއިން ވަނީ ރާއްޖޭގެ އިގްތިސާދީ ނުތަނަވަސްކަން ހައްލުކުރުމަށާއި، ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި، މާލީ ހަމަޖެހުން ދެމެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފަ އެވެ. އަދި މި ފިޔަވަޅުތައް އަޅާއިރު، މުޖުތަމައުގެ ނާޒުކު ފަންތީގެ މީހުންނަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އައިއެމްއެފް އިން ލަފާދީފައިވެ އެވެ.
ޕިޔަޕޯން ސޮޑްސްރީވިބޫން އިސްކޮށް ހުންނަވައިގެން އައިއެމްއެފްގެ މި ވަފުދު މި މަހުގެ 4 އިން 14 އަށް ކުރި ޒިޔާރަތުގައި، ރާއްޖޭގެ އިގްތިސާދީ އެންމެ ފަހުގެ ހާލަތާއި، ކުރިމަގުގެ ލަފާކުރުންތަކުގެ އިތުރުން ސަރުކާރުން އިސްކަންދޭ ސިޔާސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
އެއްބަސްވުމާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާވާނެ