ބެންޖަމިން ނަތަންޔާހޫ ކުރިން އުންމީދުކޮށްގެން ހުރީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އީރާނުގެ ދީނީ ވެރިކަން ވައްޓާލައި، މެދުއިރުމަތީގެ މަސްރަހު ބަދަލުކޮށްލާނެ މޭސްތިރިއެއްގެ ގޮތުގައި އަމިއްލަ ނަން މަޝްހޫރުކޮށް، ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމަށެވެ.
ނަމަވެސް، ކަންތައްތައް މިވަނީ ނަތަންޔާހޫ އުންމީދުކުރި ގޮތާ ދިމާ އިދިކޮޅަށް ބަދަލުވެފަ އެވެ. އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރި ނަތަންޔާހޫ މިހާރު ވަނީ ޓްރަމްޕާ ކުރިމަތިލާންޖެހޭ ފަދަ ހާލަތަކަށް ގޮސްފަ އެވެ. އެއީ، މި ހަނގުރާމައިން ރެކިވަޑައިގަތުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެވެ. ދެ ބޭފުޅުން ކުރިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުނުވާއިރު، އިޒްރޭލުގެ އަސްކަރިއްޔާ މިވަނީ ލުބުނާނުގައި ތާށިވެފަ އެވެ.
އިޒްރޭލުގެ އިސްވެރިން ފާޅުގައި މިކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގައި ފަސްޖެހެނީ، ފާޑުކިޔުންތަކަށް ކެތްނުކުރެއްވޭ ޓްރަމްޕް ކޯފާވެދާނެތީ އެވެ. އެހެންނަމަވެސް، ސިއްރު ވާހަކަތަކުގައި އެ ބޭފުޅުންގެ ނުރުހުން ވަރަށް ބޮޑެވެ. ނަން ހާމަނުކުރުމަށް އެދި އިސްރާއީލުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ އިޒްރޭލަށް ވަރަށް ގެއްލުން ބޮޑު އެއްބަސްވުމެކެވެ. އަދި ބޮޑުވަޒީރުން ފެށިގެން ސިފައިންގެ އިސްވެރިންނާ ހަމައަށް، މިކަމުގައި ތަފާތު ހިޔާލެއް އޮތް މީހަކު އިޒްރޭލުގެ ލީޑާޝިޕްގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވޮޝިންޓަނުން ބުނާ ގޮތުގައި، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލާފައި އޮންނަ އިރު، އީރާނުގެ ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން އެމެރިކާއާއި އިޒްރޭލުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ފުރިހަމަ މަޝްވަރާތަކެއް ކުރެވޭނެއެވެ. ނަމަވެސް، އިޒްރޭލުގެ އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، އެ މުއްދަތު އިތުރުވެގެން ހިނގައިދާނެ ކަމަށާއި، އޭގެ ސަބަބުން އިޒްރޭލަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށް އެ ގައުމުން ބިރުގަނެއެވެ.
ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުاللهއާ ދެކޮޅަށް އިޒްރޭލުން ކުރާ ހަމަލާތައް ހުއްޓާލުމަށް އީރާނުން ޝަރުތުކުރާއިރު، އެކަމާ ގުޅިގެން ޓްރަމްޕާއި ނަތަންޔާހޫގެ މެދުގައި ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކުރެވިފަ އެވެ. މި މަހުގެ ކުރީކޮޅު ޓްރަމްޕް ފޯނުން ގުޅުއްވައި، ބެއިރޫތަށް ހަމަލާ ނުދިނުމަށް އަމުރުކުރެއްވި އެވެ. އެ ދުވަހު ނަތަންޔާހޫ ހަމަލާތައް ހުއްޓާލި ނަމަވެސް، ހަފުތާއެއް ފަހުން އަލުން ހަމަލާ ދިނުމުން އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލައި، ޓްރަމްޕްގެ ވަރުގަދަ ފާޑުކިޔުން ދެ ފަރާތަށްވެސް އަމާޒުވި އެވެ.
ހޯމަ ދުވަހުގެ ރޭ ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލަކީ ވަރުގަދަ އަދި ސާބިތު ގައުމެއް ކަމަށާއި، ޓްރަމްޕާ ދެމެދު ބައެއް ފަހަރު ހިޔާލު ތަފާތުވުންތައް ހުންނަ ކަމަށެވެ. "އޭނާއަކީ އެމެރިކާގެ ރައީސް، އަދި އަހަރެންނަކީ އިސްޒްރޭލުގެ ބޮޑުވަޒީރު. ގިނަ ފަހަރަށް އަހަރެމެންގެ ހިޔާލު އެއްގޮތްވޭ، އެކަމަކު ހިޔާލު ތަފާތުވާ ފަހަރުތައްވެސް އާދޭ. އަހަރެންގެ ޒިންމާއަކީ އިޒްރޭލުގެ ސަލާމަތީ މަސްލަހަތު ހިމާޔަތްކުރުން،" ނަތަންޔާހޫ ވިދާޅުވި އެވެ.
އަންނަ އޭޕްރިލް މަހުގެ އިންތިހާބުން ނަތަންޔާހޫ ބަލިވާނެ ކަމަށް ދައްކާއިރު، އިޒްރޭލުގެ ރައްޔިތުންވެސް މިހާރު ޓްރަމްޕަށް ކުރާ އިތުބާރު ކުޑަވެފައިވާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.
އެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް އިޒްރޭލުން ތަބާނުވާނެ ކަމަށް ބުނުން
އެމެރިކާއާއި އީރާނާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަ ހުކުރު ދުވަހު ސުވިޒަލޭންޑުގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުމުގެ ދަށުން ހުރިހާ ދިމާލަކުން އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، ނަތަންޔާހޫ ބުނަނީ އިޒްރޭލުގެ ސިފައިން ލުބުނާނުގެ ދެކުނުގައި ތިބޭނެ ކަމަށާއި، ހިޒްބުاللهއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މިނިވަންކަން އިޒްރޭލަށް އޮންނާނެ ކަމަށެވެ.
މި ވަގުތީ އެއްބަސްވުމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވިގެންދާނެއެވެ. ނަމަވެސް، އީރާނުގެ މިސައިލް ޕްރޮގްރާމާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓުވުމުގެ މައްސަލަ މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުބެލެވެއެވެ.
އިޒްރޭލުގެ ބައެއް ވެރިން ބުނާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކާ ގާތްވެފައިވާކަން އެނގުމުން އިޒްރޭލަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފަ އެވެ. އަދި މި މަޝްވަރާތަކަށް ނުފޫޒު ފޯރުވުމުގައި އިޒްރޭލަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާ ކަމަށްވެސް އެ ބޭފުޅުން އެއްބަސްވެއެވެ.
ނަތަންޔާހޫއަށް މި އެއްބަސްވުން ރައްޔިތުންނަށް ބަލައިގަނެވޭ ގޮތް ނުހެދޭނެ
ބާ-އިލާން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖޮނަތަން ރައިންހޯލްޑް ވިދާޅުވާ ގޮތުގައި، ނަތަންޔާހޫއަށް މި އެއްބަސްވުން އިޒްރޭލުގެ ރައްޔިތުންނަށް ވިއްކައެއް ނުލެވޭނެއެވެ. އޭނާ އަބަދުވެސް ދައްކަމުން އައީ ޓްރަމްޕާ އޮންނަ ގާތް ގުޅުމުގެ ސަބަބުން އިޒްރޭލަށް ފައިދާވާނެ ކަމަށެވެ. ނަމަވެސް މިހާރު މި ފެންނަނީ އެއާ ހިލާފު މަންޒަރެކެވެ.
އިޒްރޭލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ވިދާޅުވީ، އީރާނުން އަލުން ނިއުކްލިއާ ނުވަތަ މިސައިލް ގާބިލުކަން އިތުރުކުރަން އުޅޭނަމަ، އިޒްރޭލުން އެކަނި ނިކުމެ ނަމަވެސް އެކަން ހުއްޓުވާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އީރާނުން އެފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ކުޑަކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސޯބެ މަޖިލިސް މެންބަރު ކަމުގެ ހުވާ ކުރައްވައިފި
ވޯލްޑް ކަޕް: އޮޅުމަކުން 8000 ޑޮލަރުގެ ޕާކިން ފާހެއް ގަނެފި
ދިރާގުން 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފި