ހޮރްމުޒް ކަނޑުއޮޅިން މިހާރު އުޅަނދުފަހަރު ދަތުރުކުރަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ރައީސް ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި އަންނަ ހުކުރު ދުވަހު ސޮއިކުރުމަށް ނިންމާފައިވާކަން އެމެރިކާ އާއި އީރާނުން އިއުލާނު ކޮށްފައިވަނިކޮށެވެ.
މި އެއްބަސްވުމުގެ ރަސްމީ ތަފުސީލުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ދެ ފަރާތުން ވެސް ބުނެފައިވަނީ އިބްތިދާއީ އެއްބަސްވުމުގެ ދަށުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށާއި، ހުރިހާ ދިމާއަކުން ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމުގެ އިތުރުން، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ފަދަ މުހިންމު ކަންކަމާ މެދު 60 ދުވަހުގެ މަޝްވަރާ މުއްދަތެއްގައި ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ނެރުނު އިރުޝާދެއްގައި ބުނެފައިވަނީ، އަންނަ ހުކުރު ދުވަހު ސޮއިކުރެވޭ ރަސްމިއްޔާތާ ހަމައަށް އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ދެމިއޮންނާނެ ކަމަށެވެ. އަދި ސީދާ އިރުޝާދެއް ލިބެންދެން އެއްވެސް އުޅަނދަކުން އެ ސަރަހައްދު ހުރަސް ނުކުރުމަށް ވަނީ އަންގާފަ އެވެ.
އާންމު ހާލަތަށް ރުޖޫއަވުމަށް ދިގު މުއްދަތެއް ނަގާނެ
އެއްބަސްވުމުގެ އުއްމީދާ އެކު ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ކޮންމެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް، ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލައި، އާންމު ހާލަތުގައި ދަތުރުތައް ފެށުމަށް މަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ކަނޑުދަތުރުފަތުރާއި ސަލާމަތީ ކަންކަމާ ބެހޭ މާހިރުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކަނޑުގައި ހުރި މައިންތައް ސާފުކުރުމުގެ މަސައްކަތަށް 40 އާއި 50 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެއެވެ. އިންޝުއަރެންސް ކުންފުނިތަކާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން އެ މަގުން ދަތުރުކުރަން އިތުބާރު ކުރާނީ އެއަށްފަހުގަ އެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ވަނީ އެއަށްވުރެ އަވަހަށް ދަތުރުތައް ފަށާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
އިންޓަނޭޝަނަލް ޗެމްބާ އޮފް ޝިޕިން (އައި.ސީ.އެސް) އިން ބުނާ ގޮތުގައި، ކަނޑުއޮޅި ހުރަސްކުރުމަށްޓަކައި ގާތްގަނޑަކަށް 500 އުޅަނދު މިހާރު ވެސް މަޑުކޮށްގެން އެބައޮތެވެ. އަދި މި އުޅަނދުތަކުގައި 20،000 އެއްހާ ފަޅުވެރިން ތާށިވެފައި އެބަތިއްބެވެ.
ފަރަންސޭސިވިލާތުގައި ހޯމަ ދުވަހު ފެށޭ 'ގްރޫޕް އޮފް ސެވަން' (ޖީ7) ސަމިޓުގައި، ކަނޑުގެ މައިންތައް ނައްތާލުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހަމަނުޖެހުމުގެ ތެރޭގައި އެމެރިކާ އާއި އީރާނުން ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މަގުތަކަށް 46 ހަމަލާއެއް ދީފައިވެއެވެ.
ޖަވާބު ނުލިބޭ ސުވާލުތައް
ކަނޑުއޮޅި ހުޅުވާލުމުގެ ރަސްމީ ތަފުސީލުތަކާއި، ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދު ބަލަހައްޓާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން، މި ކަނޑުއޮޅިއަކީ ހުޅުވިފައި އޮތް ތަނެކެވެ.
މާހިރުން ބުނާގޮތުން، މި ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ ބާރުގަދަ ހަތިޔާރެއްކަން ވަނީ ސާބިތުވެފަ އެވެ. އެއީ އެ ސަރަހައްދު ބަންދުކުރުމުގެ ނުވަތަ އެތަނުން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ބާރު އީރާނަށް އޮތުމުންނެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ސީއެންބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ދިގު މުއްދަތަކަށް އެއްވެސް ފީއަކާ ނުލައި ކަނޑުއޮޅި ހުޅުވާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ދަތުރުކުރާ އުޅަނދުތަކުން 'ފީ' ނަގާނެ ކަމަށެވެ. އީރާނުގެ މަގުސަދަކީ އެ ސަރަހައްދުން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށާއި، މިކަމާ ގުޅޭގޮތުން އެހެން ފަރާތްތަކާ މަޝްވަރާކުރުމަށް ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭބީސީ ނިއުސްއަށް ދެއްވި އެހެން އިންޓަވިއުއެއްގައި ވެންސް ވިދާޅުވީ، އެއްބަސްވުމުގައި އާދީއްތަ ދުވަހު ޑިޖިޓަލްކޮށް ސޮއިކުރެވިފައިވާ ކަމަށެވެ. މީގެ މާނައަކީ އަންނަ ހުކުރު ދުވަހުގެ ކުރިން އެ އެއްބަސްވުމުގެ ޝަރުތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ.
އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރު
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކޮށްފި
ނިދި ގުރުބާން ކޮށް މެޗުތައް ބަލާ މީހުންނަށް މާހިރުންގެ އިންޒާރެއް