ރަސްފަންނަށް ކަޅުތެޔޮ ވަނުމާ ގުޅިގެން އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފިމާލޭގެ ރަސްފަންނު ސަރަހައްދަށް ކަޅުތެޔޮ ވަނުމުގެ ސަބަބުން، މާލޭ ސިޓީ ކައުންސިލުން އެތަން އަނެއްކާވެސް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ރަސްފަންނާ ދިމާލު ބޭރުން ކަނޑުން ފަޅުތެރެއަށް ކަޅުތެޔޮ ވަނުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ރޭ އެ ސަރަހައްދު ބަންދުކޮށްފައެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، ކަޅުތެލުގެ އަސަރު އެއްކޮށް ނައްތާލެވި ސަރަހައްދު ސާފުކުރެވެންދެން ރަސްފަންނުގެ މޫދަށް ނޭރުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މި ފިޔަވަޅަކީ އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ކައުންސިލުން އެޅި ފިޔަވަޅެކެވެ.
ރަސްފަންނު އަލުން ހުޅުވާފައިވަނީ ގިނަ މަރާމާތުތަކަކަށްފަހު މިދިޔަ ހުކުރު ދުވަހުއެވެ. މި އަހަރުގެ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ދަށުން، އެތަނުގައި ހަދާފައިވާ އިށީންނަ ތަންތަނާއި އާންމުން ބޭނުންކުރާ އެހެނިހެން ވަސީލަތްތައް ވަނީ މަރާމާތުކޮށްފައެވެ. މީގެ އިތުރުން، ރަސްފަންނަށް ގެނެވުނު އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ބޭރު ތޮށީގައި ކެނަލްތަކެއް ހަރުކޮށް، އޮޔަ ދެމޭ ގޮތް ވަނީ ހަދާފަ އެވެ.
ރަސްފަންނު ތަރައްގީކުރުމުގައި މީގެ ކުރިންވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. ބޭރު ތޮށީގައި ކެނަލް ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ މޫދު އަޑީގައި ކިސަޑު ޖަމާވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. ކިސަޑު ގިނަވުމުގެ ސަބަބުންނާއި، މިދިޔަ އަހަރުވެސް ރަސްފަންނަށް ކަޅުތެޔޮ ވަނުމުގެ ސަބަބުން އެ ސަރަހައްދު ވަނީ ބަންދުކުރަން ޖެހިފަ އެވެ. އެހެންކަމުން މިއީ މިފަދަ ހާދިސާއެއް ރަސްފަންނުގައި ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ.
އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކޮށްފި
ދިރާގުން 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފި
