ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެތައް ކުޅުންތެރިންނެއް ދަނޑުމަތިން ފެނިގެން ގޮސްފައިވީ ނަމަވެސް، މި މުބާރާތުގެ މިއުޒިކީ ވިންދާ އެންމެ ބޮޑަށް ގުޅިފައިވާ ނަމަކީ ކޮލަމްބިއާގެ ކާމިޔާބު ލަވަކިޔުންތެރިޔާ ޝަކީރާ އެވެ.
ވޯލްޑް ކަޕްގެ ފޯރި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ގިނަ ބަޔަކު އޭނާއަށް ނިސްބަތްކުރަނީ "ވޯލްޑް ކަޕްގެ ރާނީ"ގެ ނަމުންނެވެ.
ފާއިތުވި 20 އަހަރު ތެރޭގައި ބޭއްވި ހަ ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕެއްގައި ޝަކީރާ ވަނީ ހިއްސާވެފަ އެވެ. އެ މުއްދަތުގައި އޭނާ ބައިވެރި ވެފައިނުވަނީ ހަމައެކަނި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގަ އެވެ.
ޝަކީރާ ވަނީ ތަފާތު ސަގާފަތްތަކާއި، ފުޓްބޯޅައިގެ ފޯރި އެއްކޮށްލައިގެން މުޅި ދުނިޔެ ސިއްސުވާލި މަގްބޫލު ލަވަތަކެއް އެއް ފަހަރަށްވުރެ ގިނަ ފަހަރު ގެނެސްދީފަ އެވެ.
2006: ޖަރުމަނު ވިލާތުގައި ފެށުނު ދަތުރު
ޝަކީރާގެ ވޯލްޑް ކަޕް ދަތުރު ފެށުނީ 2006 ވަނަ އަހަރު ޖަރުމަނުގަ އެވެ. އޭރުގެ އެންމެ ހިޓް ލަވަ "ހިޕްސް ޑޯންޓް ލައި"ގެ ޚާއްސަ ރީމިކްސްއެއް ވައިކްލެފް ޖީންއާއެކު ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި، އިޓަލީއާއި ފްރާންސް ބައްދަލުކުރި ފައިނަލް މެޗުގެ ކުރިން އޭނާ ހުށަހަޅައިދިނެވެ. މިއީ ފީފާއާއެކު އޭނާ އުފެއްދި ވަރުގަދަ ގުޅުމުގެ ފެށުމެވެ.
2010: ދުނިޔެ ގުޑުވާލި "ވަކާ ވަކާ"
ވޯލްޑް ކަޕްގެ ތާރީޚުގައިވެސް އުފެދުނު އެންމެ ނުފޫޒުގަދަ އަދި އެންމެ މަގްބޫލު ލަވައަކީ ދެކުނު އެފްރިކާ ވޯލްޑް ކަޕަށް ޝަކީރާ ކިޔައިދިން "ވަކާ ވަކާ (ދިސް ޓައިމް ފޯ އެފްރިކާ)" އެވެ.
އެފްރިކާގެ ސަގާފީ މިއުޒިކާއި ކޮލަމްބިއާގެ ރިދަމް އެއްކޮށްލައިގެން ތައްޔާރުކުރި މި ލަވަ ބިލިއަނުން މީހުން ބަލައި، ދުނިޔޭގެ އެކި ކޮޅުތަކުގައި އެއް އަޑަކުން ކިޔަން ފެށި އެވެ. މި މުބާރާތުގެ ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ޝަކީރާ މި ލަވަ ހުށަހަޅައިދިނެވެ.
2014: ބްރެޒިލްގެ ކާނިވަލް ފޯރި
2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތަށް ޝަކީރާ ނެރުނީ "ލާ ލާ ލާ (ބްރެޒިލް 2014)" އެވެ. ބްރެޒިލްގެ މިއުޒިކްސްޓާ ކާލީނިއޯސް ބްރައުންއާއެކު ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިން މެސީ، ނޭމާ އަދި ޕީކޭ ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ތަރިން ފެނިގެންދިޔަ އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މަޝްހޫރު މަރަކާނާ ސްޓޭޑިއަމް އޭނާ ފޯރިން ގުގުމާލި އެވެ.
2026: "ޑައި ޑައި" އާއެކު އައު ތާރީހެއް!
މިއަހަރު (2026) އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ޝަކީރާ ވަނީ މުޅިން އާ ރެކޯޑެއް ގާއިމް ކޮށްފަ އެވެ. ނައިޖީރިއާގެ މަޝްހޫރު އާޓިސްޓް ބާނާ ބޯއިއާއެކު އޭނާ ކިޔާފައިވާ ދާއި ދާއި" އަކީ މިފަހަރުގެ ރަސްމީ އެންތަމް އެވެ.
މި ލަވާއާއެކު ޝަކީރާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ތަފާތު ހަތަރު ވޯލްޑް ކަޕެއްގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވި ހަމައެކަނި ފަންނާނަށެވެ.
ޖޫން 11 ވަނަ ދުވަހު މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ބޭއްވި ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ވަނީ މި ލަވަ ލައިވްކޮށް ހުށަހަޅައިދީ، މުޅި ސްޓޭޑިއަމްގެ ފޯރި ގަދަކޮށްލާފަ އެވެ.
ފީފާއިން އަބަދުވެސް ޝަކީރާ އިހްތިޔާރު ކުރަނީ ކީއްވެ؟
ގިނަ އާޓިސްޓުންނަށް ވޯލްޑް ކަޕްގެ ފުރުސަތު ލިބެނީ އެއް ފަހަރު ނަމަވެސް، ޝަކީރާގެ މަގާމު އަދިވެސް ބަދަލެއް ނުވެ އެވެ. އޭގެ ސިއްރަކީ ފުޓްބޯޅައިގެ ރޫހާއި ސަޕޯޓަރުން ބޭނުންވާ ފޯރި އޭނާއަށް ދެނެގަންނަން އެނގުމެވެ.
ޝަކީރާ ކުރިން ބުނެފައިވާ ގޮތުގައި، ވޯލްޑް ކަޕް ލަވައެއްގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ މީހުން ނަށާލާ ހިތްވާފަދަ ވަރުގަދަ ރިދަމެއް ހުރުމާއި، އެންމެން އެއް އަޑަކުން ހަޅޭއްލަވައިގަނެ ކިޔޭނެ ފަދަ ފަސޭހަ ލަފްޒުތަކެއް ހުރުމެވެ.
އެހެން ކަމުން،ދުނިޔޭގެ އެކި ކޮޅުތަކުގެ މިއުޒިކް އެއްކޮށްލައިގެން ޝަކީރާ ގެނެސްދޭ މި ފޯރިއަކީ ފުޓްބޯޅަ ކުޅިވަރު ފަދައިން މުޅި ދުނިޔެ އެއްބައިވަންތަ ކޮށްދޭ ސަބަބެކެވެ.
ހޮރްމުޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރަން ފަށައިފި
ވަކިވި އެކުވެރިޔާއަށް ޕޯޗުގލް ޓީމުގެ ހާއްސަ ޓްރިބިއުޓެއް!