މި އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ޖަރުމަން ކުޅެ ފަހު މެޗަށް 600 ސަޕޯޓަރުން ބަހުގައި ދަތުރުކުރުމަށް ހިނގާ ހަރަދު ދިނުމަށް ޖަރުމަން ޓީމުގެ ކުޅުންތެރިން ނިންމައިފި އެވެ.

ގުރޫޕް ސްޓޭޖުގައި ޖަރުމަން ކުޅޭ ފަހު މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ. މި މެޗު ކުުޅުމަށް ހަމަޖެހިފައިވަނީ ނިއު ޖާރޒީގެ މެޓް ލައިފް ސްޓޭޑިއަމްގަ އެވެ.

ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާގެ ބަހާއި ޓްރެއިން ޓިކެޓުތަކުގެ އަގުތައް ވަނީ އުފުލިފަ އެވެ. ދަތުރު ފަތުރުގެ އަގު ބޮޑުވުމަކީ ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ސަޕޯޓަރުންގެ ޝަކުވާއެކެވެ. ނިއު ޖާޒީގެ ގަވަރުނަރު ވިދާޅުވީ އަގުތައް އުފުލުނީ ފީފާ އިން ދަތުރުފަތުރު ސަބްސިޑައިޒްކުރަން އެއްބަަސްނުވުމުން ކަމަށެވެ.

ޖަރުމަންގެ އެފްއޭ އިން ބުނީ ގުރޫޕްގައި ކުޅޭ ފަހު މެޗަށް ނިއު ޔޯކް އިން ނިއު ޖާޒީއަށް 600 ސަޕޯޓަރުން ދަތުރުކުރުމުގެ ހަރަދު ޖަރުމަންގެ ކުޅުންތެރިން ދޭނެ ކަމަށެވެ.

"މިއީ ނިއު ޔޯކް އިން ނިއު ޖާރޒީއަށް ބަހާއި ޓްރެއިންގައި ދިއުމުގެ އަގު ބޮޑުވުމުން ޖަރުމަންގެ ކުޅުންތެރިން ސަޕޯޓަރުންނަށް ކޮށްދޭ ކަމެއް،" ޖަރުމަންގެ އެފްއޭ އިން ބުންޏެވެ.

އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ސަޕޯޓަރުންނަށް މެޗުތަކަށް ދިއުމަށް ހިލޭ އެއްގަމު ދަތުރު ފަތުރު ހަމަޖައްސައިދިނެވެ. އެމެރިކާ އިން 2018 ވަނަ އަހަރު ހުށަހެޅި ހޯސްޓް އެގްރީމަންޓްގައި ވެސް ސަޕޯޓަރުންނަށް ހިލޭ ދަތުރު ފަތުރު ހަމަޖައްސައިދޭނެ ކަމަށް ބަޔާންކޮށްފައި އޮތެވެ. އެކަމަކު 2023 ވަނަ އަހަރު އެ އެގްރީމަންޓަށް ބަދަލު ގެނެސް، "ކޮސްޓް ވެލިއު"ގައި ދަތުރުތައް ހަމަޖައްސާ ގޮތަށް ހެދި އެވެ.