އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއި އެ ގައުމުގެ އަސްކަރިއްޔާއިން ގުޅިގެން، ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފި އެވެ. މީގެ ތެރޭގައި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތައް ވެސް ހިމެނެއެވެ.
އީރާނުން ބުރާސްފަތި ދުވަހުގެ ފަތިހު ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ، މިއީ އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ދިން ރައްދެއް ކަމަށެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން އެމެރިކާގެ 18 އަމާޒަކަށް ހަމަލާދިނުން
އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި އެ ފަރާތުގެ އެއިރޯސްޕޭސް ފޯސް އާއި ކަނޑުގެ ސިފައިން ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ރައްދު ހަމަލާތައް ދީފަ އެވެ. މި ހަމަލާތަކަކީ އީރާނުގެ އައްސޭރިފަށުގެ ފޯސްޓްތަކަށާއި، ބަންދަރު އައްބާސް އެއާޕޯޓް ސަރަހައްދަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.
މި އޮޕަރޭޝަންގައި ކުވެއިތުގައި ހުންނަ އަލީ އަލް-ސާލިމް އަދި އަހްމަދު އަލް-ޖާބިރު އެއާބޭސްގެ އިތުރުން، ބަހުރޭންގެ ޝައިޚް އީސާ އެއާބޭސްގައި ހުރި އެމެރިކާގެ 18 މުހިންމު އަމާޒަކަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ބުނެއެވެ.
ބަހުރޭން ގައިއޮތް އެމެރިކާގެ ފިފްތު ފްލީޓަށް ޑްރޯން ހަމަލާތަކެއް
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަހްރޭންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒަށް އަމާޒުކޮށް ވަނީ ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
"އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ އެމެރިކާއިން ހިލާފުވުމާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއިން ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް ބޭނުންކޮށްގެން އެމެރިކާގެ ފިފްތު ފްލީޓަށް ހަމަލާދީފައި،" އެ އޮފީހުން ބުންޏެވެ.
މި ހަމަލާތަކުގައި ފިފްތު ފްލީޓްގެ ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމާ ގުޅޭ މުވާސަލާތީ އެންޓަނާތަކާއި ރާޑަރު ސިސްޓަމްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އީރާނުގެ އަސްކަރިއްޔާއިން އިތުރަށް ބުނީ، އިސްތިއުމާރީ ބާރުތަކަށް ހައްގު އަދަބު ލިބެންދެން މި އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ އިސް އޮފިޝަލުން ގުޅުއްވައި ހަމަލާތައް ހުއްޓާލުމަށް އެދިވަޑައިގެންފައިވާ ކަމަށާއި، އެމެރިކާގެ ބޮން އެޅުންތައް ވަރަށް އަވަހަށް ހުއްޓާލާނެ ކަމަށެވެ. ނަމަވެސް އައި.އާރު.ޖީ.ސީ އިން މި ވާހަކަ މުޅިން ދޮގުކުރަމުން ބުނީ، މިއީ ހަނގުރާމައިން ރެކުމަށްޓަކައި ޓްރަމްޕް ދެއްކެވި ބަހަނާއެއް ކަމަށެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުން
މި ނުތަނަވަސްކަމާ ގުޅިގެން، އީރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް "ހާތަމުލް އަންބިޔާ" މަރުކަޒުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
"މި ވަގުތުން ފެށިގެން، ސަރަހައްދުގެ ނާމާންކަމުގެ ސަބަބުން، ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުތައް ހިމެނޭހެން އެއްވެސް އުޅަނދަކަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރު ނުކުރެވޭނެކަން އިއުލާންކުރަން. އަދި އެއްވެސް އުޅަނދެއް ދަތުރުކޮށްފިނަމަ އެ އުޅަނދަކަށް ހަމަލާދެވޭނެ،" އެ މަރުކަޒުގެ ބަޔާނުގައި ވެއެވެ.
އޭލިއަނުން މިހާރު ވެސް ދުނިޔޭގައި އެބަ އުޅޭ: ސްޓީވަން
"ޓޯއީ ސްޓޯރީ 5"ގެ ޕްރިމިއާގައި ޓޭލާގެ ހާއްސަ ހުށައެޅުމެއް!