އީރާނާ ގުޅުން ހުރި މުދާ އުފުލާ އުޅަނދުތައް ބްލޮކޭޑް ކުރުމަށް އެމެރިކާއިން ހިންގާ އޮޕަރޭޝަނެއްގެ ތެރެއިން، އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެފައިވާކަން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެމެރިކާއިން މި އޮޕަރޭޝަން ފެށިފަހުން، މިއީ މިފަދަ ހަމަލާއެއްގައި މީހަކު މަރުވި ކަމަށް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. މި އޮޕަރޭޝަންގެ ދަށުން އެމެރިކާއިން މިހާތަނަށް އަށް އުޅަނދެއް ހުއްޓުވައި، 100 އަށްވުރެ ގިނަ އުޅަނދު އަނބުރާ ފޮނުވާލާފައިވެއެވެ. މީގެ އިތުރުން، އޮމާންގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ އެ ސަރަހައްދުގެ އެހެން ތެޔޮ ޓޭންކަރަކާ ގުޅުންހުރި އިތުރު ހާދިސާއެއް ވެސް ރިޕޯޓުކޮށްފަ އެވެ.
އިންޑިއާގެ ޝިޕިންގް މިނިސްޓަރު ސަރުބަނަންދާ ސޮނޮވަލް ވިދާޅުވީ، ކުރިން ގެއްލިފައިވާ ކަމަށް ރިޕޯޓުކުރި އިންޑިއާގެ ތިން ފަޅުވެރިންގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށާއި، އެއީ އެ މީހުންކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، މި ހަމަލާ ދީފައިވަނީ ޕަލާއޫގެ ދިދަ ޖަހާފައިވާ 'ސެޓެބެލޯ' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަށެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން މި އުޅަނދުގެ އިންޖީނު ރޫމަށް ހަމަލާދިނީ، އެމެރިކާ ސިފައިން ދިން އިރުޝާދުތަކަށް އުޅަނދުގެ ފަޅުވެރިން ތަކުރާރުކޮށް އަމަލުނުކުރުމާ ގުޅިގެން ކަމަށް ސެންޓްކޮމްއިން ބުންޏެވެ.
މި ހަމަލާއާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ އުޅަނދުގައި ތިބި އިންޑިއާގެ 21 ފަޅުވެރިއަކު ސަލާމަތްކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިއާއިން އެމެރިކާގެ ޑިޕްލޮމެޓަކު ހާޒިރުކޮށް އިހުތިޖާޖުކުރުން
މި ހާދިސާއާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އިންޑިއާގައި ހުންނަވާ އެމެރިކާގެ ޑެޕިއުޓީ ޗީފް އޮފް މިޝަން ހާޒިރުކޮށް ރަސްމީކޮށް ނުރުހުން ފާޅުކޮށްފަ އެވެ. 'ސެޓެބެލޯ' އުޅަނދަށް ދިން ހަމަލާއަށްފަހު އޭގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އޮމާންގެ ކަނޑުގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މި ހާދިސާގައި މަރުވި ފަޅުވެރިއެއް ކަމަށްވާ ޝިވަނަންދު ޗައުރާސިއާގެ އާއިލާއިން ބުނީ، އޭނާ ވަޒީފާއަށް ފުރީ މީގެ ނުވަ މަސް ކުރިން ކަމަށާއި، އެންމެ ފަހުން ބައްޕައާ ވާހަކަދެއްކިއިރު ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ.
އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-7 ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިންޑިއާގެ ފަޅުވެރިން ތިބި އުޅަނދުތަކަށް އެމެރިކާއިން ހަމަލާދިނުމަކީ ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަން އަތުވެދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ދުނިޔޭގެ ޝިޕިންގް ދާއިރާއަށް އެންމެ ގިނައިން ފަޅުވެރިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭއިރު، ތިން ލައްކައަށްވުރެ ގިނަ އިންޑިއާ ފަޅުވެރިން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރެއެވެ. އެމެރިކާގެ މި ބްލޮކޭޑްގައި އަމާޒުކުރަނީ އީރާނުގެ އުޅަނދުތަކުގެ އިތުރުން 'ޝެޑޯ ފްލީޓް' ނުވަތަ ގަވާއިދާ ހިލާފަށް ތެޔޮ އުފުލާ އުޅަނދުތަކަށެވެ. މިއީ އާންމުކޮށް ބައިނަލްއަގުވާމީ އިންޝުއަރެންސް ނެތް، ބާ އުޅަނދުތަކެކެވެ.
މިކަމާ ގުޅިގެން އދ. ގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާ، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވީ، ފަޅުވެރިންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަދި ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ހިންގާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތުގެ ބަލިތަކުގެ އަސްލަކީ ހަމައެކަނި ކޮލެސްޓްރޯލްއެއް ނޫން!
ޝަމްއާންގެ މައްސަލާގައި ކަން ހިނގިގޮތް ސާފުކޮށްދޭން އަންގައިފި