މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
މީރާގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި ދަށުން ދިޔުމުގެ ސަބަބުން މިދިޔަ މަހު ދައުލަތަށް ލިބުނު ޑޮލަރުގެ އަދަދު 89 މިލިއަނަށް ވަނީ ތިރިވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު ދައުލަތަށް ލިބުނު 105 މިލިއަން ޑޮލަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ދަށްވުމެކެވެ.
މިދިޔަ މަހުގެ އާމްދަނީ މި މިންވަރަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޓެކްސް އާމްދަނީތައް ކަމުގައިވާ ޓީޖީއެސްޓީ، ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ފަދަ މުހިންމު ވަސީލަތްތަކުން ލިބޭ މިންވަރު މަދުވުމެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ ދަތުރުފަތުރަށާއި އިގްތިސާދަށް އައި ހީނަރުކަމުގެ އަސަރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ސީދާކޮށް ކުރަމުންދާކަން މި ތަފާސްހިސާބުތަކުން ކަށަވަރުވެ އެވެ. އެގޮތުން ޓީޖީއެސްޓީން މިދިޔަ މަހު ލިބުނު 756 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު 963 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ގްރީން ޓެކްސް އިން ލިބުނު 139 މިލިއަން ރުފިޔާއަކީ ވެސް 32 ޕަސެންޓުގެ ބޮޑު ވެއްޓުމެކެވެ.
މީގެ އިތުރުން ޑިޕާޗާ ޓެކްސް އިން 156 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އިން 158 މިލިއަން ރުފިޔާ ލިބިފައިވާއިރު، \މި ސަބަބުތަކާ ހުރެ ދައުލަތުގެ ޖުމްލަ އާމްދަނީ ވެސް ވަނީ ފަސް ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ މެއި މަހު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ މެއި މަހު މި އަދަދު ހުރީ 2.1 ބިލިއަން ރުފިޔާގަ އެވެ.
ޒުވާން ކޮށްދޭ ބޭސް ފުރަތަމަ ފަހަރަށް އިންސާނެއްގެ ގަޔަށް!
"ޓޯއީ ސްޓޯރީ 5"ގެ ޕްރިމިއާގައި ޓޭލާގެ ހާއްސަ ހުށައެޅުމެއް!
ހިތުގެ ބަލިތަކުގެ އަސްލަކީ ހަމައެކަނި ކޮލެސްޓްރޯލްއެއް ނޫން!