އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ލުބުނާނާ ދެމެދު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބަލައިނުގަންނަން ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުން ނިންމައިފި އެވެ.
އީރާނުގެ މަދަދުލިބޭ އެ ޖަމާއަތުގެ ލީޑަރު ނައީމް ގާސިމް ނެރުއްވި ވަރުގަދަ ބަޔާނެއްގައި ވިދާޅުވީ، މި މަޝްވަރާތަކަކީ އެއްވެސް ނަތީޖާއެއް ނެތް، ލުބުނާނުގެ އަގު ވައްޓާލަނިވި މަޝްވަރާތަކެއް ކަމަށެވެ. އަދި ލުބުނާނުގެ ގިނަ ރައްޔިތުން މި އެއްބަސްވުމާ ދެކޮޅު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިކަން މިގޮތަށް ހިނގާފައި މިވަނީ، ލުބުނާނުގެ އެތެރޭގައި ހިޒްބުاللهގެ ހަރަކާތްތެރިންނަށް ނުވަދެވޭނެ "ޕައިލެޓް" ސެކިއުރިޓީ ޒޯންތަކެއް ހަދައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އާކުރިކަން އިޒްރޭލާއި ލުބުނާނުން އިއުލާނުކޮށްފައި ވަނިކޮށެވެ.
ބުދަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުން ދެމިއޮންނާނީ ހިޒްބުالله އިން ހަމަލާދިނުން މުޅިން ހުއްޓާލުމުން ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު މިކަމަށް ރައްދު ދެއްވަމުން، މަޝްވަރާތަކުގައި ބައިވެރިނުވާ ހިޒްބުاللهގެ ލީޑަރު ވިދާޅުވީ، ހިޒްބުالله އިން ހަމަލާތައް ހުއްޓާލައި ދެކުނު ސަރަހައްދުން ފޭބުމަށް ބާރުއަޅާ މި ހަނގުރާމަ ހުއްޓާލުން މާނަކުރެވެނީ އިޒްރޭލުގެ ކުރިމަތީގައި އަމާންދިނުން ކަމަށާއި، މީގެ ސަބަބުން ހާސިލުވާނީ އިޒްރޭލުގެ މަގުސަދުތައް ކަމަށެވެ.
ވޮޝިންޓަނުގައި އެމެރިކާ މެދުވެރިވެގެން ކުރިއަށްދިޔަ ހަތަރުވަނަ ބުރުގެ މަޝްވަރާތަކަށްފަހު އިޒްރޭލާއި ލުބުނާނާ ދެމެދު އެކުލަވާލި އެއްބަސްވުމުގައިވާ ގޮތުން، އިޒްރޭލުގެ ބޯޑަރާއި ލިޓާނީ ކޯރާ ދެމެދު އޮތް 30 ކިލޯމީޓަރުގެ ސަރަހައްދުން ހިޒްބުاللهގެ ހުރިހާ ހަރަކާތްތެރިން ފައިބަން ޖެހެއެވެ. އެ ސަރަހައްދުގައި މިހާރު ތިބީ އިޒްރޭލުގެ އެއްގަމު ސިފައިންނެވެ.
މި އެއްބަސްވުމުގެ ދަށުން، ލުބުނާނުގެ ރަސްމީ އަސްކަރިއްޔާއަށް އެކަނި އެ ސަރަހައްދު ބެލެހެއްޓޭނެ ފަދަ ޕައިލެޓް ޒޯންތަކެއް އުފެއްދުމަށް އެމެރިކާއިން އެހީތެރިވާނެއެވެ. ނަމަވެސް މި ޒޯންތައް ހުންނާނެ ތަނެއްގެ ޗާޓެއް ނުވަތަ އަމަލީ ގޮތުން އެކަން ކުރާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
ހޯމަ ދުވަހު އިއުލާނުކުރި ވަގުތީ އެއްބަސްވުމެއްގައިވާ ގޮތުން، ހިޒްބުالله އިން އިޒްރޭލަށް ހަމަލާ ނުދޭނަމަ އިޒްރޭލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ބޮން އެޅުން ހުއްޓާލަން ޖެހެއެވެ. ދެ ގައުމުގެ މަންދޫބުން ޖޫން 22 ގައި އަލުން ބައްދަލުކޮށް، ފުރިހަމަ އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާކުރާނެއެވެ.
ލުބުނާނު ސަރުކާރުން އިޒްރޭލާއެކު މަޝްވަރާގައި ބައިވެރިވީ ހިޒްބުاللهވެސް އެ މަގަށް ގެނެވޭނެ ކަމުގެ އުންމީދުގަ އެވެ. އަދި އެމެރިކާއިން ބޭނުންވަނީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް މި މަޝްވަރާތައް ބޭނުންކުރުމަށެވެ.
ލުބުނާނުގެ ގިނަ ބަޔަކު ހިޒްބުاللهއަށް ތާއީދު ނުކުރި ނަމަވެސް، އިޒްރޭލުން އެ ގައުމަށް އަރައިގަތުމަށްވެސް އެއްވެސް ބަޔަކު ތާއީދެއް ނުކުރެއެވެ.
ހިޒްބުالله އަކީ ލުބުނާނުގެ އެންމެ ބާރުގަދަ ޖަމާއަތެވެ. އެއީ ހަމައެކަނި ހަތިޔާރު އެޅި ބައެއް ނޫނެވެ، ސިޔާސީ ޕާޓީއެއް އަދި އިޖުތިމާއީ ހަރަކާތެއްވެސް މެއެވެ. އީރާނުގެ އެހީތެރިކަމާއެކު އެ ޖަމާއަތުން ވަނީ ލުބުނާނުގެ ރަސްމީ ސިފައިންނަށްވުރެ ވަރުގަދަ އަސްކަރީ ބާރެއް ބިނާކޮށްފަ އެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުން ވިދާޅުވީ، ހުރިހާ ފަރާތްތަކުން އެއްބަސްވެއްޖެނަމަ 24 ގަޑިއިރު ތެރޭގައި ހަނގުރާމަ ހުއްޓާލެވިދާނެ ކަމަށެވެ. ނަމަވެސް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ، އެ ސަރަހައްދުގައި ހުރި ޓެރަރިސްޓް އިންފްރާސްޓްރަކްޗާ ނައްތާލުމަށްޓަކައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ބުރާސްފަތި ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ލުބުނާނުގެ އެކި ސަރަހައްދުތަކުން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ދެކުނު ލުބުނާނުގެ އެކި ރަށްތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ، 15 މީހުން ޒަހަމްވެފައިވެއެވެ.
މި ހަނގުރާމަ ފެށުނީ މާޗް މަހު ހިޒްބުالله އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއަށްފަހު އިޒްރޭލުން ވަނީ ލުބުނާނަށް ބޮން އަޅައި، އެއްގަމު މަގުން އެ ގައުމަށް އަރާފަ އެވެ.
ހަނގުރާމަ ފެށުނު ފަހުން ލުބުނާނުން މިހާތަނަށް 3،526 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ގައުމުގެ 26 ސިފައިންނާއި 4 އާންމުން ވަނީ މަރުވެފަ އެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ޖޭލޯއާއި ބްރެޓްގެ ލޯބީގެ އަޑުތަކުގެ ހަގީގަތް ހާމަ ކޮށްފި